Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޝަރަފުއްދީން ސްކޫލް ކައިރީ ދެ މަގެއް ފުޅާ ކުރަނީ

ޝަރަފުއްދީން ސްކޫލު އިންވެގެން އޮތް ރަސްގެދަރި މަގު / ފޮޓޯ: އައްޑޫލައިވް

ހިތަދޫގައި ޝަރަފުއްދީން ސްކޫލުގެ އުތުރާއި ހުޅަނގުން ސްކޫލާއި އިންވެގެން އޮންނަ ދެ ސްކޫލު ތެރެއިން ބައެއް ލައިގެން ފުޅާ ކުރާ ގޮތަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

ބުދަ ދުވަހު ބޭއްވި އައްޑޫސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާގައި މިމައްސަލަ ކައުންސިލަށް ހުށަހަޅަމުން ބުނެފައިވަނީ، މިމަގު އެކަށީގެންވާ ވަރަށް ވުރެ ހަނިވުމުން ދުއްވާ ތަކެތެކީގައި ސްކޫލަށް އަންނަ ބެލެނިވެރިންނާއި ކުދިންނަށް އެކަމުގެ ދައްޗާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އަލަށް އެ ސްކޫލުގައި އިމާރާތް ކުރެވެނު ކްލާސްބަރި ދިރާސީ އައު އަހަރާއި އެކު ބޭނުން ކުރަން ފެށުމާއިއެކު ސްކޫލުގެ ހުޅަނގު ފަރާތުގެ ގޭޓު ބޭނުން ކުރުމަށް އެ ސްކޫލުން ނިންމާފައިވާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޝަރަފުއްދީން ސްކޫލު އިންވެގެން އުތުރަށް އޮތް އަމީނީ މަގާއި، ސްކޫލުގެ ހުޅަނގުން އޮތް ރަސްގެދަރި މަގު ވަރަށް ބޮޑަށް ތޮށްޖެހި މަގު ބޭނުން ކުރަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިވަގުތު އަމީނީ މަގު ހަދައި ތާރުއަޅަން ތައްޔާރުވާއިރު މިއީ މިމަސައްކަތް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ކައުންސިލުން ބުނެއެވެ.

އަމީނީ މަގުގައި ތާރުއަޅަން ތައްޔާރުވަމުން ދަނީ / ފޮޓޯ: އައްޑޫލައިވް

ކައުންސިލުން ނިންމާފައިވާ ގޮތުން އަމީނީ މަގުގެ ޝަރަފުއްދީން ސްކޫލު ސަރަހައްދުގެ ފުޅާމިނަށް 6 ފޫޓު އިތުރުވާނެއެވެ. އެ މަގުގެ މިހާރުގެ ފުޅާމިނަކީ 17 ފޫޓެވެ. ރަސްގެދަރި މަގުގެ ހަނިކޮށް އޮތް ބައިގެ ފުޅާ މިނަކީ 15 ފޫޓެވެ. މިމަގަށް 7 ފޫޓު އިތުރުވާނެ ކަމަށް ކައުންސިލުން ބުނެއެވެ. މި ބަދަލާއެކު މި ދެމަގުންވެސް ވެހިކަލްތަކަށް ދަތިކަމެއް ނެތި ދަތުރު ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މިމަސައްކަތް ކުރުމަށް ނިންމާފައިވަނީ ކައުންސިލުން ޙަރަދު ކޮށްގެންނެވެ. މަސައްކަތައް ޖުމްލަ 930،000ރ. ޙަރަދުވާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ލަފާކޮށްފައެވެ.

މިމައްސަލައިގައި ކައުންސިލުން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން މިމަސައްކަތް ވީހާވެސް އަވަހަށް ކުރުމަށެވެ. އެގޮތުން މަސައްކަތާއި ގުޅޭގޮތުން އައްޑޫ ސްކޫލުތަކުގެ ހެޑް އަދި ހައި ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމާއި އަދި ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ހުސެއިން މުސައްވިރުއާއި ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިމައްސަކަތް ކުރިއަށް ގެންދަން ކައުންސިލުގެ އަޤުލަބީއްޔާތުން ވަނީ ފާސްކޮށްފައެވެ.