ރާއްޖެ މިއަދުމި ދެކޭ ތައުލީމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި ޑރ. މުސްތަފާ ލުތުފީއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޑރ. މުސްތަފާ ލުތުފީއަށް ވަނީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޑޮކްޓަރ މުސްތަފާ ލުތުފީ އަކީ ރާއްޖެ މިއަދުމި ދެކޭ ތައުލީމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. ޑރ. މުސްތަފާ ރާއްޖޭގެ ރަށްރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ ތައުރީފް ހައްޤު މަސައްކަތްޕުޅުތަކެއް ކަމަށާއި ރަށްރަށުގައި ކޮމިއުނިޓީ ސްކޫލްތައް ފެށިގެން އައިއިރު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތައް ހުރަސްކުރައްވައި، ކޮމިއުނިޓީ ސްކޫލްތަކާއެކު އަތޮޅުތަކުގެ ތައުލީމީ ހާލަތު ރަނގަޅުކުރައްވައި، ތައުލީމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނަވައިދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ދުވަސްވަރު އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ، ވަށައިޖެހޭ ތަޢުލީމެއް ތަޢާރަފް ކުރައްވައި، ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ބަދަހިކުރެއްވުމަށް. އެ މަނިކުފާނަކީ، ކިޔަވައިދެއްވުމުގައިވެސް ނަމޫނާ މުދައްރިސެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ޑރ. މުސްތަފާ ލުތުފީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްވެސް ވަރަށް މުހިންމު އަހަންމިއްޔަތު ކަމެއް ދެއްވިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، އެ ދުވަސްވަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްނުކުރާ ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި، އެ މަނިކުފާނު އަދާކުރެއްވި ދައުރަކީ ފާހަގަކޮށްލަންޖެހޭ ދައުރެއް ކަމަށެވެ.
މިއަދު ޑރ. މުސްތަފާ ލުތުފީ ހުންނެވީ، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި ކަމަށާއި އެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ އިޖްތިމާއީ ދާއިރާގެ ކަންކަން ކުރިއަށް ގެންދެވުމުގައި، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ލަފާފުޅާއި އިރުޝާދު އަބަދުވެސް ހިއްސާކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ޑރ. މުސްތަފާއަކީ ރާއްޖޭގެ މި ފަހުގެ ތާރީޚުގައި ކުރެވުނު ސިޔާސީ އިސްލާހީ މަސައްކަތުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރުގަދަ ބޭފުޅެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން ރާއްޖެއަށް ހެޔޮ ބަދަލުތައް ގެނައުމަށް ކުރި މަސައްކަތުގައި، ޤައުމުގެ މަސްލަހަތު އިސްކުރައްވައި، ވަރަށް ސާބިތުކަމާއި ޖޯޝުގައި، ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.