Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މިނިވަން ދުވަސް އައި އިރު ދިވެހިންގެ ކަނޑު ވިއްކާލައިފި

މެމްބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަހަރު ރާއްޖޭގެ މިނިވަންދުވަސް ބައްދަލުކުރިއިރު ދިވެހިންގެ މަސްކަނޑު ވިއްކާލާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދަކީ މި އަހަރުގެ މިނިވަން ދުވަސް ކަމަށާއި، މިދުވަސް ބައްދަލުކުރިއިރު ދިވެހީންގެ މަސްކަނޑު ވިއްކާލާފައިވާ ކަމަށެވެ.

"ދިވެހި ފަސްގަނޑުގައި އިންޑިޔާ ސިފައިން ދާއިމަށް ބަނޑަހަ ޖަހައިފި. ޤައުމު އެކީ ދަރުވާލައިފި. ރައްޔިތުން ހުރިހާ ސްކީމަކަށް ދަރުވާލައި ނިކަމެތިކޮށްފި. ލިބޭ މުސާރަ 2 ދުވަސްތެރޭ ހުސްވާ ވަރަށް ތަކެތީގެ އަގު އުފުލި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކޮށްފި. ޤައުމުގެ މުސްތަޤުބަލު ކަމަށްވާ ޒުވާން ޖީލުގެ ބޮޑު އާބާދީގެ މަގުގެެއްލުވާލައި ގޮތް ހުސްކޮށްލައިފި." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަދު ވައްކަން ކުރުން މަޤާމުގެ ޝަރުތަކަށްވެ ޝަރަފުވެރިވެއްޖެ ކަމަށާއި ޣައްދާރުން ޤައުމީ ބަޠަލުންނަށް ވެފައިވާ ކަމަށެވެ. އަދި އަދުލުގެ ނިޒާމަކީ ސަރުކާރުން މޮޑޭ ސިޔާސީ ފުއްގަނޑަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިޤައުމުގައި މިނިވަންކަމެއް އެބަ އޮތްތޯ؟؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޤައުމުގެ މި އަނދިރި ހާލަތު ބަދަލު ކުރެވޭނީ އެންމެ ބޭފުޅަކަށް ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި އެކަން މިސަރުކާރަށް އެނގޭތީ އެމަނިކުފާނު ހުރަގެއަށްލާ ޤައިދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޤައުމު މިނިވަންވާނީ ރައީސް ޔާމީން މިނިވަންވެގެން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.