Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

އައްޑޫ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އައްޑޫ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމުހޫއްރީޔާގެ ނައިބު ފައިސަލް ނަސީމް ރަސްމީކޮށް ފަށްޓަވައި ދެއްވައިފިއެވެ.

ހިތަދޫގެ ކުރީގެ ޕޮލިސް ޓްރެއިނިންގް ސްކޫލު ހުރި ބިމުގައި ތަރައްޤީ ކުރާ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމަށް ބޭއްވި ރަސްމީއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމުގެ އިތުރުން، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ޢަލީ އާއި، އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މި އިމާރާތުގެ ސަބަބުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން އައްޑޫގައި ކުރަން ޖެހޭ ކަންކަމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ.

" އެއާއެކު އައްޑޫސިޓީގެ މިސްކިތްތައް ބެލެހެއްޓުމަށް، އަދި އެއާއެކު މިނިސްޓްރީގެ ފަރާތުން ކުރާ ވަރަށް ގިނަ މަސައްކަތްތަކަށް ހައްލު ލިބިގެން އަންނާނެ. މިތަނަކީ އިދާރީ ބޭނުންތަކަށް ޖާގަ ހިމެނިގެން ޖަލްސާ ކުރާ މާލަމަކާއެކު ނިމިގެންދާ ތަނެއް. " ނިޒާރު ވިދާޅުވިއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މި ސަރުކާރުން މިސްކިތްތަކުގެ ބިންގާ ނާޅާ ކަމަށާއި، އަބަދުވެސް ފަށްޓަވަނީ ޢަމަލީ މަސައްކަތް ކަމަށެވެ.

" މިއިސްލާމީ މަރުކަޒަކީ މީހުން އައިސް، މީހުންނާއި ރައްޓެހި އަދި އަބަދުވެސް ދީނީ އެކި ކަހަލަ ހަރަކާތްތައް ހިންގާ އައްޑޫގެ އެކިއެކި ބޭނުންތަކަށް ބޭނުން މިމަރުކަޒު ބޭނުން ކުރެވޭ ގޮތަށް އަޅުގަނޑުމެން ފަރުމާކޮށްފައި ހުރި އިސްލާމީ މަރުކަޒެއް " މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

އައްޑޫ އިސްލާމީ މަރުކަޒަކީ 55.52 މިލިއަންގެ މަޝްރޫޢުއެކެވެ. ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެ އެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ފިޑޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއިއެވެ.