ޤައުމީ ޕޭމެންޓް ނިޒާމު ނުވަތަ މޯލްޑިވްސް އިންސްޓެންޓް ޕޭމެންޓް ސިސްޓަމްގެ ޕައިލެޓް ޓެސްޓް މަރުހަލާ ފަށާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން މިކަން ހާމަކޮށް ބުނެފައިވަނި ޕޭމެންޓް ނިޒާމުގެ ޕައިލެޓް ޓެސްޓު މަރުހަލާ ފަށާފައިވަނީ މިހާރުވެސް ނިޒާމާއި ގުޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެކުގައެވެ. މި ނިޒާމުގެ ޕައިލެޓް ޓެސްޓިން ފެށީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
މި ނިޒާމުގެ ތެރެއިން ކޮންމެ ވިޔަފާރި މުޢަމާލާތެއްވެސް ފަސޭހަ ނިޒާމެއްގެ ތެރެއިން ކޮންމެ ބޭންކެއްގެ ކަސްޓަމަރަކާއި އެކުވެސް ކުރެވޭނެއެވެ. އަދި ވަގުތުން ކުރެވޭ މުޢާމަލާތަށް ފައިސާ ދެއްކޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
ޕައިލެޓް ޓެސްޓުތައް 3 ބޭންކެއް ފެށިއިރު، މިޚިދުމަތާއި ބޭންކުތައް ގުޅުނީ މާލީ ޚިދުމަތްދޭ ތަންތަނުން ފުރިހަމަ ކުރަންޖެހޭ ޔޫޒާ އެކްސެޕްޓެންސް ޓެސްޓުތައް ފުރިހަމަ ކުރުމަށް ފަހުއެވެ. އަދި މިހާރުވެސް ބައެއް ބޭންކުތައް ޔޫޒާ އެކްސެޕްޓެންސް ޓެސްޓުތައް ފުރިހަމަ ކުރުމުގެ މަރުހަލާގައި ތިބި ކަމަށް އެމްއެމްއޭއިން މިމަހުގެ ކުރީކޮޅު ބޭއްވި ރަސްމީއްޔާތުގައި ފާހަގަކުރިއެވެ.
އެމްއެމްއޭއިން ވަނީ މިއީ ރާއްޖޭގެ މަލީ ނިޒާމަށް ކުރިމަތިވެފައިވާ ދަތިތަކަށް ޖުމްލަ ހައްލެއް ނޫން ކަމަށާއި، ނަމަވެސް އެ ހައްލު ގެނެސްދިނުމަށް މަގުކޮށައިދޭ މެދުވެރިޔާ ކަމަށް ފާހަގަކޮށްފައެވެ. އަދި މި ޙިދުމަތް ރަސްމީކޮށް އޯގަސްޓް މަހު ފަހު ހަފްތާގައި ލޯންޗު ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.