އިސްލާމީ މަރުކަޒާއިއެކު އައްޑޫގައި 4 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައިސުލްޖުމުހޫއްރީއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އައްޑޫ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ދީނީ ކަންކަމަށް މި ދައުރުގެ ތެރޭގައި އަތޮޅުތަކަށް އިސްކަމެއް ދީގެން ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ޤުރުއާން މުބަރާތްތަކާއި އިހްޔާ ފޯރަމް ތަކުގެ އިތުރުންވެސް، އިންސާނީ ވަސީލަތް ބިނާ ކުރުމުގެ ގޮތުން އިމާމުން ތަމްރީނު ކުރުން ފަދަ ކަންކަން ކުރެވިގެން ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނާއި ދަރިވަރުންގެ ދީނީ ކަންކަމަށް ލޯބި އިތުރުކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި ނައިބް ރައީސް ވިދާޅުވިއެވެ.
"އިސްލާމީ މަރުކަޒާއި އެކު އައްޑޫގައި އަޅުގަނޑުމެންނަށް 4 މިސްކިތެއްގެ މަސައްކަތް ކުރެވިގެންދާނެ. މިއިން އެބަ ދައްކުވައިދޭ، ޚާއްސަކޮށް ރައިސުލްޖުމުހޫއްރީއްޔާ އަދި މި ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް " ނައިބު ރައީސް ވިދާޅުވިއެވެ.
އަދި މިއިން ގިނަކަންކަމަކީ އައްޑޫގެ ރައްޔިތުންގެ އެތައް ދުވަހެއްގެ ދިގު އިންތިޒާރެއް ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަރައި ދިއުމަށް ހުރި ހުރަސްތަކެއް މިއަދު ރައީސް ނައްޓަވައި ދެއްވި ކަމަށް ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނު ވަނީ އައްޑޫގައި މިސަރުކާރުން ކުރަމުންދާ މަސައްކަތަށް ބަލާލާފައެވެ.
އައްޑޫގައި މިވަގުތު އިސްލާމިކް މިނިސްޓްރީގެ ދަށުން ހިތަދޫ އިސްލާމީ މަރުކަޒުގެ އިތުރަށް، މަރަދޫގައި މަސައްކަތް ފެށި ނިމުމާއި ކައިރިވެފައިވާ މިސްކިތާއި، ހުޅުދޫގެ އިތުރުން ދާދި ފަހުން ހަވާލުކޮށް މަސައްކަތް ފެށުނު މީދޫގެ މިސްކިތް ހިމެނެެވެ. މީގެ އިތުރުން މަރަދޫ ފޭދޫގައި މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް ދެއެވެ.