Last Updated: July 25, 09:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ރަވީނާގެ "ވަން ފްރައިޑޭ ނައިޓް" ހުކުރުގައި

މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ އިންޑިއާގެ ބަތަލާ ރަވީނާ ޓަންޑަންގެ އާ ފިލްމެއް އަންނަ ހުކުރު ދުވަހު ބެލުންތެރިންނަށް ދޫކޮށްލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ ދާދި ފަހުން ލޯންޗްކުރި ސްޓްރީމިން ޕްލެޓްފޯމް، ޖިއޯ ސިނެމާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ވަން ފްރައިޑޭ ނައިޓް" އެވެ. މަނޯޝް ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި މިލިންދު ސޯމަން ވެސް ހިމެނެ އެވެ.

"ވަން ފްރައިޑޭ ނައިޓް" ގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު، މިއީ ވަރަށް ޝައުގުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ އެއްޗެއް ކަމަށް ބެލެވެ އެވެ.

ކެރިއަރުގައި މިހާތަނަށް ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ރަވީނާ، 50، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ސަޕޯޓިން ރޯލަކުންނެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަންޖޭ ދަތުގެ "ގުޅުޗާޅީ" އާއި އަރުބާޒް ޚާންގެ "ޕަތުނާ ޝުކްލާ" ހިމެނެ އެވެ.

ނުވަދިހައިގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ރަވީނާ މަދުމަދުން ފިލްމުތަކުގައި މަސައްކަތް ކުރަމުން އަންނަ އޭނަގެ އަންހެން ދަރިފުު ރަޝާ ތަޑާނީ، 20، މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އެއީ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އެކްޝަން އެޑްވެންޗާ ފިލްމަކުންވެ. މިއިން އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ އަމަން ދޭބްގަން ވެސް ބޮލީވުޑަށް ތައާރަފުކުރާނެ އެވެ.

ރަސްމީކޮށް އަދި އިއުލާން ނުކުރާ މި ބޮޑު ބަޖެޓް ފިލްމުގެ ކާސްޓްގައި އަޖޭ އާއި ޑަޔާނާ ޕެންޓީ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.