ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ޕާކު މިއަދު ހުޅުވައިފި އެވެ.
މި ޕާކު ހުޅުވީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާ ގުޅުވައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރަކާއެކު އެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެ އެވެ.
މިއީ ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ތަރައްގީކުރި ޕާކެކެވެ.
ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އާބަންކޯ އިން ހަވާލުކުރީ އާރްޑީސީއާ އެވެ. އެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާރްޑީސީއާ ހަވާލުކުރީ ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތްވޭ އަދި ޕްލާޒާ ވެސް ހަދާ ގޮތަށެވެ.
ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް މިތަނަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އާބަންކޯ އިން ދަނީ އާންމުންގެ ހިޔާލު ހޯދައި އާންމުން އެންމެ ބޭނުންވާގޮތަށް އެކި ތަންތަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.