Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ސައުދީގެ އޮފާ އަށް އެމްބާޕޭ ނޫނެކޭ ބުނެފި

ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ގެންނަން ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އިން ހުށަހެޅި އޮފާ ގަބޫލުކުރަން އޭނާ ދެކޮޅު ހަދައިފި އެވެ.

އަލް ހިލާލް އިން އެމްބާޕޭ ގެންނަން ޕީއެސްޖީ އަށް 300 މިލިއަން ޔޫރޯގެ ބިޑެއް ވަނީ ކޮށްފަ އެވެ. އަދި އަލް ހިލާލް އިން އޮތީ މުސާރައިގެ ގޮތުގައި އަހަރަކު 700 މިލިއަން ޔޫރޯ އެމްބާޕޭ އަށް ހުށަހަޅަން ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ޓްރާންސްފާއާ ގުޅޭގޮތުން އެމްބާޕޭއާ މަޝްވަރާ ކުރަން އަލް ހިލާލްގެ އޮފިޝަލުންތަކެއް ފްރާންސްގައި މިވަގުތު ތިބި ނަމަވެސް އެ ފަރާތްތަކާއި ބައްދަލުކުރަން ވެސް އެމްބާޕޭ ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަލް ހިލާލް އިން މީގެކުރިން ވަނީ ޕީއެސްޖީ އަށް ކުޅުނު އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ކްލަބަށް އެ މަސައްކަތް ވެސް ކާމިޔާބުވެފައެއް ނުވެ އެވެ.

އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްއިރު އޭނާ ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އާނުކުރަން ނިންމައިފަ އެވެ. ޕީއެސްޖީން ވަނީ ކޮންޓްރެކްޓް އާނުކުރާނަމަ މި ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ވިއްކާލުމަށް ނިންމައިފަ އެވެ. އެގޮތުން ޕީއެސްޖީން ޖަޕާން އަދި ދެކުނު ކޮރެޔާ އަށް ކުރާ ޕްރީ ސީޒަން ޓުއާ އަށް ނެގި ސްކޮޑުން ވެސް އެމްބާޕޭ ވަނީ ބާކީކޮށްފަ އެވެ.

ޕީއެސްޖީން އެމްބާޕޭ ވިއްކާލުމަށް ނިންމީ އަންނަ ސީޒަނަށްފަހު އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ނުދިނުމަށްޓަކަ އެވެ. ނަމަވެސް މި ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށާއި އަންނަ ސީޒަނުގައި ވެސް ހުންނާނީ ޕީއެސްޖީގައި ކަމަށް އެމްބާޕޭ މީގެކުރިން ވަނީ ބުނެފަ އެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު އެމްބާޕޭ ބަދަލުވާން ހަމައެކަނި ބޭނުންވާ ކްލަބަކީ ރެއާލް މެޑްރިޑް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 34 މެޗުގައި 29 ގޯލު ކާމިޔާބުކޮށް އެ ކްލަބަށް ފްރެންޗް ލީގު ހޯދައިދިނުމުގައި އެމްބާޕޭ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.