Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ފައްޔާޒް އެދެނީ ސޫޓާއި ޓައި ނޫން ގޮތެއް ހޯދަން!

ރާއްޖޭގައި މިހާރު ހެދުން އެޅުމުގެ ސަގާފަތަށް ބަލާ އިރު، ރަސްމީ ހަފުލާތަކުގައި އާންމުކޮށް ފިރިހެނުން ހެދުން އަޅަނީ ހުޅަނގުގެ ސްޓައިލްތަކަށެވެ. އެގޮތުން ސޫޓަކީ މިހާރު ވަރަށް އާންމު އެއްޗެކެވެ. އެކަމަކު ދިވެހިންގެ ކުރީގެ ސަގާފަތަށް ބަލާ އިރު، ދެ ޖިންސްގެ މީހުން ވެސް ހެދުން އެޅުމުގައި ވަރަށް ސާދާ އަދި އެހާމެ ދިވެހި ފާޑުވެރިކަމަށް ބެލި އެވެ.

ނަމަވެސް މިހާރު ދިރިއުޅުމަށް އައިސްފައި އޮތް ޒަމާނީ ބޮޑު ބަދަލާ އެކީ ދިވެހިން ކުރިން ހެދުން އެޅި ފާޑުވެރިކަމާއި ގޮތްގަނޑު މިހާރު ވަނީ އެއްކޮށްހެން މާޒީގެ ތެރެއަށް ގޮސްފަ އެވެ.

އިއްޔެ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރި އިރު، އެ ދުވަހާ ގުޅުވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހިންގެ މިނިވަންކަމާއި ހެދުން އަޅާ ގޮތާ ގުޅުވައިފަ އެވެ. އޭނަ ވިދާޅުވީ ހަގީގީ މިނިވަން ހޯދަން ބޭނުންވާ ނަމަ، ދިވެހިން ހެދުން އަޅާ ގޮތުން ވެސް ދިވެހިވަންތަކަން ދައްކުވައި ދޭން ޖެހޭނެ އެވެ.

އެހެންވެ ސޫޓާއި ޓައި ފަދަ ހުޅަނގުގެ ސްޓައިލްގެ ބަދަލުގައި އަޅާނެ ދިވެހި ސަގާފަތް ވެސް ރަމްޒުކޮށްދޭ ކަހަލަ ރަސްމީ ހެދުމެއްގެ ބޭނުންތެރިކަން ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ފާހަގަކުރައްވައި ފައްޔާޒް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އެފަދަ މަސައްކަތެއް ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އެގޮތުން މުބާރާތެއްގެ ގޮތުގައި ނަމަވެސް ދިވެހި ޑިޒައިނަރުންނަށް ހުޅުވާލައިގެން ސޫޓާއި ޓައި ނޫން ފަދަ ދިވެހި ސްޓައިލެއް ހޯދައި ދޭން މަސައްކަތްކޮށް ދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.