Last Updated: July 25, 09:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ސުމްބުލް ސޮނީ އަށް އަންނަނީ

ކަލާސް ޓީވީން އެންމެ ފަހުން ގެނެސްދިން "ބިގް ބޮސް" ސީޒަން 16 ގައި ވާދަކުރި އިންޑިއާގެ ޒުވާން ޓީވީ ބަތަލާ ސުމްބުލް ތައުގީރު އަނެއްކާ ވެސް ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްތާރުވާން ފަށައިފި އެވެ.

"ކާވިއާ: އޭކް ޖަޒުބާ، އޭކް ޖުނޫން" ކިޔާ މި ސިލްސިލާ އަކީ ސޮނީ ޓީވީގެ އެއްޗެކެވެ. އެ ޗެނެލުން މިހާރު އަންނަނީ މީގެ ޕްރޮމޯ ވެސް ދައްކަމުންނެވެ. އެކަމަކު ޕްރިމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ބިގް ބޮސް 16" ގައި ވާދަކުރުމުގެ ކުރިން ސުމްބުލް އާންމުންގެ ތެރޭގައި މަޝްހޫރުވީ އޭނަ ކުރިން ޓައިޓްލް ރޯލު ކުޅުނު ސްޓާ ޕްލަސްގެ ސިލްސިލާ "އިމްލީ" އިންނެވެ. ސުމްބުލް "ބިގް ބޮސް" ގައި ވާދަކުރީ އެ ސިލްސިލާ އިން ވަކިވުމަށް ފަހު އެވެ. މިހާރު "އިމްލީ" ގެނެސްދެނީ 2020 ގައި އެ ދައްކަން ފެށި އިރު، ތިބި މައިގަނޑު ކާސްޓާ ނުލަ އެވެ.

ސުމްބުލް، 19، އާ އެކީ ސޮނީ އާ ސިލްސިލާއެއް ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ ޗެނެލުން އެންމެ ފަހުން ދައްކަން ފެށި އާ ސިލްސިލާ އަކީ މި މަހުގެ 10 ގައި ޕްރީމިއާކުރި ޝިވާންގީ ޖޯޝީ އާއި ކުޝަލް ޓަންޑަންގެ "ބަރުސާތޭ" އެވެ.