Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

އިސްލާމްވި ލަވަކިޔުންތެރިޔާ މަރުވެއްޖެ

މީގެ ހަތަރު އަހަރު ކުރިން އިސްލާމްވި އަޔަލޭންޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިނޭޑް އޯ ކޮނާ މަރުވެއްޖެ އެވެ.

އޭނަގެ އާއިލާއާ ހަވާލާދީ މީޑިއާތަކުން ބުނީ 56 އަހަރުގެ ފަންނާނު މަރުވީ އާއިލާގެ މީހުންގެ ގާތުގައި ކަމަށާއި އޭނަގެ ވަކިވެ ދިޔުމަކީ އާއިލާ އާއި ގާތް އެކުވެރިންނަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އެކަމަކު ޝިނޭޑްގެ މަރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އޭނަގެ މަރާ ގުޅިގެން އަޔަލޭންގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ފޭނުން ވެސް ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފައިވެ އެވެ.

ޝިނޭޑް އިސްލާމްވީ 2018 ގެ ފަހުކޮޅު އެވެ. އިސްލާމްވުމަށް އޭނަގެ ނަމަކީ ޝުހާދާ ސަދަގާތު އެވެ. ހަތަރު ކައިވެންޏެއްކޮށް، ހަތަރު ދަރިން ވެސް ލިބުނު ޝިނީޑް އިސްލާމްވި ނަމަވެސް އޭނަ ގެންދިޔައީ ކުރީގެ ނަމުގައި މިއުޒިކީ މަސައްކަތް ވެސް ކުރަމުންނެވެ.

ޝިނޭޑްގެ މިއުޒިކީ ކެރިއަރަށް ބަލާ އިރު މިހާތަނަށް 10 އަލްބަމް ނެރެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ އަލްބަމަކީ 2014 ގެ "އައި އޭމް ނޮޓް ބޮސީ، އައި އޭމް ދަ ބޮސް" އެވެ. ޝިނީޑްގެ ފުރަތަމަ އަލްބަމަކީ 1987 ގެ "ދަ ލަޔަން އެންޑް ދަ ކޯބްރާ" އެވެ. އޭނަގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައި 1990 ގެ "ނަތިން ކޮމްޕެސްއާ ޓު ޔޫ" ހިމެނެ އެވެ.

ދެހާސް އެކާވީހުގައި ޝިނޭޑްގެ ބައޯގްރަފީ "ރިމެމްބަރިންސް" ގެ ނަމުގައި ނެރެފައިވެ އެވެ.