އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ކެމްޕޭނަށް ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފިއެވެ.
އެގޮތުން އިއްޔަ ނާޒިމް ވަނީ ކ. ތުލުސްދޫ އަދި ކ. ހުރާއަށް ވަޑައިގެންފައެވެ. އަދި މި ދެ ރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ތުލުސްދޫއަށް ކުރައްވާ ކެންޕެއިން ދަތުރުފުޅުގެ ތެރެއިން.#Nazim2023 #Ujaalaazamaan pic.twitter.com/OEaoH6hRxn
— Maldives National Party (@MNP_Secretariat) July 26, 2023
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ނާޒިމް އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ނާޒިމް މިފަހުން ވަނީ ކެމްޕޭނަށް ހދ. އަތޮޅުގެ ރަށްތަކަށް އަދި ވ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ދަތުރުކުރައްވާފައެވެ.
"އުޖާލާ ޒަމާން"ގެ ނަން ދީފައިވާ އެމްއެންޕީގެ މެނިފެސްޓޯއާއެކު ނާޒިމްގެ ކެމްޕޭން ހަރަކާތްތައް އަންނަނީ މާލެއާއި ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ.
މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނަމުންދާއިރު، ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އަދި އަމިއްލަ ގޮތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަންނަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.