މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ދިން ފުރުސަތު ދޫކޮށްލައި، އެ ޕާޓީއާ އެކު އަލުން ކޯލިޝަން ނަހަދަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީން އެ ގޮތަށް ނިންމީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕިއާ އެކީ ކޯލޮޝަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ ކުރީކޮޅު ދައުވަތު ދެއްވާފައި ވަނިކޮށެވެ. ކޯލިޝަން ނަހަދަން އެމްއާރްއެމުން ނިންމި އިރު، އެ ޕާޓީ މިހާރު އޮތީ ގާނޫނީ "މައްސަލައެއް" ގެ ތެރޭގަ އެވެ. އެއީ ސިޔާސި ޕާޓީގެ ގާނޫގައި ބުނާ އަދަދަކަށް މެމްބަރުން ހަމަނުވާތީ އެވެ. އެހެންވެ 3،000 އަށް ވުރެ މަދުވެފައިވާތީ އިލެކްޝަން ކޮމިޝަން (އީސީ) އިން އޮތީ އެމްއާރްއެމް އުވައިލަން ނިންމައިފަ އެވެ.
އެމްޑީޕީއާ އެކީ ކޯލިޝަން ދިން ހަދަން ދައުވަތު ދޫކޮށްލައި އެ ޕާޓީން މިއަދު ރައީސަށް ފޮނުވި ސިޓީއެއްގައި ބުނީ މި ފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި އެކުގައި މަސައްކަތްކުރަން ނުފެންނަ ކަމަށް އެ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
އެ ޕާޓީން ބުނި ގޮތުގައި އެގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި އެމްއާރްއެމް އޮފީހުގައި މިދިޔަ މެއި މަހުގެ 1 ގައި އެމްޑީޕީގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީގެ ހުށަހެޅުންތައް އެމްއާރްއެމްގެ އެސްކޯ އަށް ހުށަހަޅައި ކުރި މަޝްވަރާތަކުގައި، އެ ޕާޓީން ހުށަހެޅި ބައެއް ސިޔާސަތުތަކަށް އެއްބަސްނުވެވުން ހިމެނެ އެވެ.
ކޯލިޝަން ހަދަން ދިން ދައުވަތާ މެދު ގޮތެއް ނުނިންމައި ގިނަ ދުވަސްތަކެއް ފަހުން އެމްއާރްއެމުން އެމްޑީޕީއާ އެކީ ކޯލިޝަން ނަހަދަން ނިންމި އިރުު، 2018 ގައި ހެދި ކޯލިޝަންގެ ތެރެއިން، ކޯލިޝަން އާކުރީ އަދާލަތު ޕާޓީ އެކަންޏެވެ. އަދި ޖުމްހޫރީ ޕާޓީ ވަނީ ކޯލިޝަން ނަހަދައި މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަން ނިންމައިފަ އެވެ.
އެމްޑީޕީއާ އެކީ މި ފަހަރު އަލަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އިން ކޯލިޝަން ހަދާފައިވެ އެވެ.
އެމްއާރްއެރުމުން މިހާރު އޮތީ ރިޔާސީ އިންތިހާބަށް ނުކުންނަން ވެސް ނިންމައިފަ އެވެ. އެހެންވެ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލާފައިވެ އެވެ.