މާދަމާ ސިނަމާތަކަށް ދޫކޮށްލާ ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ފިލްމު ބަލާ އޯޑިއަންސް ބޭނުންވާނެ ހުރިހާ ރަހަތަކެއް އެކުލެވޭ ވަރަށް ޗާލު، ފުރިހަމަ ފިލްމެއް ކަމަށް ބުނެ މަޝްހޫރު ކްރިޓިކް ތަރަން އަދާޝް އެ ފިލްމަށް އޭނަގެ ރިވިއުގައި ހަތަރު ތަރީގެ ރޭޓިންއެއް ދީފި އެވެ.
ފަސް ތަރިން ހަތަރު ރޭޓިންއެއް ލިބުމަކީ އެހާ އާންމު ކަމެއް ނޫނެވެ. އެހެންވެ ކަރަންގެ ފިލްމު ބެލުންތެރިންނަށް ދޫކޮށްލުމުގެ ކިުރިން ބޭއްވި ހާއްސަ ސްކްރީނިންއަކަށް ފަހު، ތަރަން ފިލްމޔު ބަލާފައި އެހާ މަތީ ރޭޓިންއެއް ދިނުމަކީ މި ފިލްމާ މެދު ބެލުންތެރިން ކުރާ އުންމީދުތައް ބޮޑުކޮށްދިން ކަމަކަށް ވާނެ އެވެ.
ތަރަންގެ ރިވިއުގައި ބުނެފައި ވަނީ ފިލްމުގެ ވާހަކަ މިހާރުގެ މުޖުތަމައުގެ ހާލަތާ ވަރަށް ގުޅޭ ކަމަށާއި އޭނަ އޮތީ ސްކްރީންޕްލޭ އަށް ވަރަށް ފުރިހަމައަށް އިމްސާފުކޮށް ދީފައި ކަމަށެވެ. އަދި ފިލްމު "ވަރަށް ގްރޭންޑްކޮށް" ހަދާފައިވާ އިރު، ވަރުގަދަ ކާސްޓެއް ހިމެނޭ ފިލްމުގައި ކޮންމެ ތަރުއަކު ވެސް އެ މީހުންގެ ވަރަށް މޮޅު އެކްޓޮންއެއް ދައްކުވައި ދީފައިވާ ކަމަށް ތަރަން ބުންޏެވެ.
ވަކިން ހާއްސަކޮށް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓް ކުޅެފައިވާ ކެރެކްޓާތައް އެ މީހުންނާ ވަރަށް ގުޅޭ ކަމަށާއި ދެ ތަރިން އެކްޓިން ވެސް ހަބޭސް ކަމަށް ތަރަން ބުންޏެވެ. މި ފިލްމުގެ މައިގަނޑު ޕްލޮޓަކީ ހިތާވެވޭ ރޮކީ އާއި ރާނީގެ ގުޅުމަށް އެ ދެ މީހުންގެ އާއިލާގެ ރުހުން ހޯދަން ދެ މީހުން އެކަކު އަނެކެއްގެ އާއިލާ އަށް ބަދަލުވެ، އާއިލާ މީހުންގެ ހިތްއަތުލަން ކުތާ މަސައްކަތެވެ.
ކަރަން އަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ބެލުންތެރިން އަބަދު ވެސް އެންމެ އިތިބާރު ކުރާ އެއް ޑައިރެކްޓަރަވާތީ އޭނަ ޑައިރެކްޓްކުރި ފިލްމެއް ސިނަމާ އައުމަކީ އާދައިގެ ކަމަކަށް ނުވެ އެވެ. އެހެންވެ ހަމަ ޔަގީނުން ވެސް މާދަމާއިން ފެށިގެން "ރޮކޯ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޖާދޫގައި އެތައް ބަޔަކު ޖެހޭނެ އެވެ.
ކަރަން އަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އާއި "އޭ ދިލް ހެ މުޝްކިލް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ ފާހަގަކުރެވެނީ "ވަރަށް ކްލަސީ" ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
ތަރަން ބުނި ގޮތުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު އެއްޗަކަށް ވާނެ އެވެ.