މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ކުރީގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ޑރ. އަބްދުﷲ ފައިރޫޝް ހަމަޖައްސަން އުޅޭކަން އެނގިއްޖެ އެވެ.
ނަމަވެސް މިކަން އަދި އެ ޕާޓީގެ ފަރާތުން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި 2021 ގައި ފުލުހުންގެ ވަޒީފާ އިން ރިޓަޔާކުރެއްވުމަށް ފަހު އާއިލާއާ އެކީ އޮސްޓްރޭލިއާގައި ދިރިއުޅުއްވަމުން ގެންދަވާ ފައިރޫޝް އަށް ނާޒިމްގެ ރަނިންމޭޓްކަން ދޭން ނިންމައި އެކަމާ ގުޅޭ ނަޝްވަރާތައް އަންނަނީ ކުރެވެމުންނެވެ.
ޑރ. ފައިރޫޝް އަކީ އައްޑޫ ފޭދު އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނަ ފުލުހުންގެ ވަޒީފާ އިން ރިޓަޔާކުރެއްވީ ޖެނުއަރީ 2، 2021 ގަ އެވެ.

އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް މިހާރު ގެންދަވަނީ އިންތިހާބަށް "އުޖާލާ ޒަމާން" ގެ ނަމުގައި ކެމްޕޭން ކުރައްވަމުންނެވެ.
އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު ކުރިމަތިލާން ހުޅުވާލާފައިވާ އިރު، ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 އަށެވެ. ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.