ރާއްޖޭގެ ތާރީހަށް ބަލާ އިރު ވެސް މޫނުބުރަގާއާ "ތޮޅުމަކީ" ވެރިންގެ ވެރިންކަން ނިމުމުގެ އަލާމާތެއް ކަމަށް ސަފަލު ޖަމިއްޔާ އަށް ނިސްބަތްވާ އަލީ ރަމީޒު ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި އޭނަ އެގޮތަށް ބުނީ ދިރާސީ އާ އަހަރު ފަށަން ގާތްވަމުން ދަނިކޮށް ޓީޗަރުންގެ އާ ސުލޫކީ މިންގަނޑުގައި މޫނުބުރުގާ އަޅައިގެން ކިޔަވައި ނުދެވޭ ގޮތަށް ހަމަޖައްސާފައި އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށެވެ.
މި މައްސަލައާ ގުޅިގެން އަދާލަތު ޕާޓީ އަށް ނިސްބަތްވާ ޑރ. މުހައްމަދު އިޔާޒް ވެސް އިއްޔެ ޓްވީޓެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވީ އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރުއީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ޙައްޤެއް ކަމަށެވެ. އެހެންވެ ބަޔަކު މީހުން ހަދާ ގަވާއިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައި ދިނުން މަނާ ނުކުރެވޭނެ ކަމަށާއި މަނާކުރާ މީހާ އެ ކުރަނީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ވެސް ކުށެއް ކަމަށް ވިދާޅުވި އެވެ.
ޓީޗަރުންގެ އާ ސުލޫކީ މިންގަނޑުގައި ވަނީ އުނގަންނައި ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާ އިރު ހުންނަން ވާނ،ީ ތިމާ އަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ބުނެފަ އެވެ. އަދި އެކުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި ވެސް ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް، ސްޓާ ކާޑު އަޅައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.