Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކޭޝިއަރަކު ނުހުންނަ އެސްޓީއޯ ސްމާޓް ފިހާރަ ހުޅުވައިފި

އެސްޓީއޯ ސްމާޓް ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމީއްޔާތު / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރެއް ނުހުންނަ ސްމާޓް ފިހަރަ ނައިބު ރައީސް ފައިސަލް ނަސީމު ހުޅުއްވައި ދެއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ފިހާރަ ބަރީގައި ހުންނަ މި ފިހާރަ ހުޅުވުމުގެ ރަސްމީއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން، ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދު އަދި އެސްޓީއޯ އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެނެވިއެވެ. ފިހާރަ ހުޅުއްވައި ދެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފިހާރަ ވިޔަފާރި ކުރެވޭ ގޮތް ތަޖުރިބާކޮށްލައްވައި އަދި ފިހާރަ ބައްލަވާ ލައްވާފައެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ، މިފަދަ ފިހާރައަށް ހުޅުވުމުގެ ބޭނުމަކީ ހުރިހާ ފަރާތްތަކަށްވެސް ލުއި ފަސޭހަތަކެއް ލިބިގެން ދިއުން ކަމަށެވެ.

" އަޅުގަނޑުމެން ފިހާރަ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ، މި ތަޢާރަފް ކުރާ ޓެކްނޮލޮޖީގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެން ދިއުން. " ސައީދު ވިދާޅުވިއެވެ. " މިތަނުން ތަޖުރިބާ ކުރަމުންދާ ޓެކްނޮލޮޖީއަކީ ވިޔަފާރިކުރަމުންދާ އެހެން ބޭފުޅުންނަށްވެސް ބޭނުން ކުރެވޭނެ ޓެކްނޮލޮޖީ ކަމަށް އަޅުގަނޑު ދެކެނީ. "

މިއަދު ހުޅުވިގެން ދިޔަ މި ފިހާރައަކީ ރާއްޖޭގައި މިހާތަނަށް އަލަށް ތަޢާރަފް ކުރެވޭ ކޮންސެޕްޓަކަށް ހިންގާ ފިހާރައަކެވެ. އެގޮތުން ފިހާރައަށް ދާ ފަރާތްތަކުން އެޕްލިކޭޝަން އަޅުއްވައި ރެޖިސްޓަރ ކޮށްލުމަށް ފަހު، ވަދެވޭނެއެވެ. އެގޮތުން ފިހާރައިން ކިތަންމެ ކުޑައެއްޗެއް ނެގި ކަމުގައިވިއަސް ކަސްޓަމަރަކު އޭތި ނެގިކަން އެނގޭނެ ކަމަށާއި ނަގާފައި އަލުން ބެހެއްޓިއަސް، ލާރި ކަނޑާނީ ހިފައިގެން ނިކުތުމުން އެކަނި ކަމަށް އެސްޓީއޯއިން ބުނެއެވެ.


މިއީ ރާއްޖޭގައި މުޅިން އަލަަށް ތަޢާރަފް ކުރެވޭ ކޮންސެޕްޓަކަށްވާއިރު، އެސްޓީއޯއިން ވިދާޅުވީ އެސްޓީއޯގެ ސްމާޓް ޝޮޕް އެޕްލިކޭޝަނުން ރެޖިސްޓަރ ކުރާ ކާޑު މައުލޫމާތަކީ ބީއެމްއެމްލްގެ ޓޯކެން ސިސްޓަމުން ނެގޭ މައުލޫމާތު ކަމުން މިއީ އެންމެ ރައްކާތެރި އަދި ޒަމާނީ ނިޒާމެ ކަމަށެވެ. އަދި ރުފިޔާ ކެނޑޭނީ ސްކޭން ކޮށްފައި ވަންނަ ކަސްޓަމަރު އަތުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

ފިހާރައިން ވިޔަފާރިކުރާއިރު، މިއީ ވަރަށް ގިނަ ކެމެރާތަކާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށް ކުރާ ކަމެއް ކަމުން އެކިއުރެސީ އަށް ވަރަށް ގިނަ ގޮތްގޮތަށް ޓެސްޓުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެކުންފުނީގެ ޓެސްޓު ތަކުން ނުނަގާ އައިޓަމަކަށް ނުކެނޑޭ ކަމަށާއި، ނަމަވެއް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޕްލިކޭޝަންގެ ތިރީގައި އިންނަ ލިންކުން އެޕީލް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި އަމިއްލަ ވިޔަފާރިތަކުންވެސް މި ޓެކްނޮލޮޖީ ބޭނުން ކުރަން އެދޭ ނަމަ، އެސްޓީއޯގެ ފަރާތުން މިކަމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް އެކުންފުނިން ބުނެއެވެ.