Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާލެ ސަރަހައްދުން ހިމަބިހި ޖެހިފައިވާ މީހަކު ފެނިއްޖެ

އައިޖީއެމްއެޗު-- ފޮޓޯ / މިހާރު

މާލެ ސަރަހައްދުން ހިމަބިހި ޖެހިފައިވާ މީހަކު ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ޖުލައި 25 ވަނަ ދުވަހު ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މިކޭސްއާ ގުޅިގެން ބެލިބެލުމުން، އޭނާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުންކަން އެނގިފައިވާ ކަމަށެވެ.

ބަލި ޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރިގޮތުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާކަމަށް އެޗްޕިއޭއިން މައުލޫމާތުދެއެވެ. އަދި މިވަގުތު އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ. މި މީހާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހެކެވެ.

"މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައިވުމުން ބަލި ޖެހުމުގެ ރިސްކް 97% ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ނަމަވެސް މީސްލްސްއަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލިކަމަށްވުމާއެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެނަމަ، ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަނީ، ހިމަބިހީގެ ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެތެރެއިން ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އަދި އެ ފަރާތްތަކުގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ނުކޮށްތިބި ފަރާތްތަކަށް ވެކްސިން ޖެހުން ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ބަލި ޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިނޭޝަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.