އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ސޮއި ކޮށްފިއެވެ.
ޖުމްހޫރީޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވުމަށްފަހު ހަނަފީން ޖޭޕީން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ.
އެމްޑީޕީން މިއަދު ބުނެފައިވަނީ ހަނަފީ އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ އާއިލާގެ 60 މެންބަރުންނާއެކުކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ އަދި ޖުމްހޫރީޕާޓީގެ ލީޑަރުގެ ކުރީގެ އެޑްވައިޒަރ މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) ގެ އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީއަށް ސޮއި ކުރައްވައިފި.#Ibu2023 #VoteMDP#UfaaveriAmaanRaajje pic.twitter.com/ynWHFWuAIH
— MDP Secretariat (@MDPSecretariat) July 27, 2023
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާއިރު، މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނަމުންދާއިރު، ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އަދި އަމިއްލަ ގޮތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަންނަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.