Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ލިމިޓެއް ނެތި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭނެ

އެސްޓީއޯ ސްމާޓް ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ނައިބު ރައީސް ފައިސަލް ވާޙަކަ ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޒުވާނުންނަށް 'ލިމިޓެއް' ނެތި ފުރުސަތުގެ ދޮރުތައް ފުޅާކޮށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައިސުލްޖުމުހޫއްރީއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، އެސްޓީއޯ ސްމާޓް ފިހާރަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގައި ޓެކްނޮލޮޖީގެ ދާއިރާއިން ހޯދާ ކޮންމެ ކުރިއެރުމަކަށް ދިވެހި ޒުވާނުން ވަރަށް ފަސޭހައިން އެޑެޕްޓްވާ ކަމަށް ވިދާޅުވިއެވެ.

"ދުނިޔެއަށް ތަޢާރަފްވެގެންދާ ކޮންމެ އައު ކަމަކަށް ވަރަށް ފަސޭހައިން އެޑަޕްޓް ވާނެ. ހާއްސަކޮށް ރާއްޖޭގެ ޒުވާނުން ވަރަށް ފަރިތަ." ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ. " މިފަހުގެ ދުވަސްތަކަސް ބަލާއިރު އެބަފެނީ، މިދާއިރާއިން ކުރި ހޯދަމުންދާ މިންވަރު. ރާއްޖޭގައި ވިއަސް އެހެން ޤައުމުތަކުގައި ވިއަސް، ދިވެހިން މިދާއިރާއަށް ހުންނަ ޝައުޤުވެރި ކަމާއި އެހެން މީހުންގެ ސަމާލުކަން ހޯދަމުން އަންނަ މިންވަރުން "

އެމަނިކުފާނުގެ ވާހަކަފުޅުގައި ޒުވާނުންނަށް ވަކިން ހާއްސަކޮށް ވިދާޅުވީ މިއީ ކުރިމަގު ކަމަށެވެ. އަދި މިހާރުވެސް ޝައުޤުވެރިކަމާއި އެކު ޒުވާނުން ކުރިއަރަމުންދާ ކަމަށް ވިދާޅުވިއެވެ.

" މަސައްކަތްތައް ކުރަންވީ. ޒުވާނުން ހީވާގި ކަމާއިއެކު މިފަދަ ދާއިރާތަކަށް ވަންނަންވީ. " ނައިބު ރައީސް ޒުވާނުންނަށް ގޮވާލެއްވިއެވެ. " އަދި އިރާދަ ކުރެއްވީއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ދުވަސް ތަކަކީ ޒުވާނުންނަށް މިދާއިރާއިން ބޮޑުކޮށް ފުރުސަތު؛ ހަމަ ލިމިޓެއް ނެތި އިރާދަ ކުރެއްވިއްޔާ ސަރުކާރުން ރައީސުލް ޖުމުހޫއްރީޔާ ނިންމާފައިވަނީ ޒުވާނުންނަށް ފުރުސަތުގެ ދޮރު ފުޅާކުރަން. "

އެސްޓީއޯ ސްމާޓް ފިހާރަވެސް ތަޖުރިބާކޮށްލުމަށް ފަހު ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިހާރު ވަރަށް ބޮޑަށް ކަންކަން ލުއިކޮށް ފަސޭހަކޮށް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ސިޔާސަތެއް އޮތް ކަމަށެވެ. އަދި މިހާރު ދުނިޔޭގައިވެސް ރާއްޖޭގައިވެސް ގިނަ މީހުންނަށް ވަގުތެއް ނޯންނަ ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް އަވަސް ހަލުވި ޚިދުމަތްތެއް ހޯދައި ދިނުން ކަމަށް ވިދާޅުވިއެވެ.

މިގޮތުން ސަރުކާރުން ދާދި ފަހުން ތަޢާރަފްކޮށްފައިވާ ވަން ގަވް ޚިދުމަތް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ގިނަ ޚިދުމަތްތަކެއް ވަގުތު ބޭކާރު ނުކޮށް އެއްތަނަކުން ލިބޭ ޚިދުމަތެއް ކަން ފާހަގަކުރެއްވިއެވެ އެމަނިކުފާނު ވަނީ އެސްޓީއޯއިން ތަޢާރަފް ކުރި ޚީދުމަތްވެސް ވެގެންދާނީ ލުއިފަސޭ ޚިދުމަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެސްޓީއޯގެ ޚިދުމަތަކީ މުޅި ރާއްޖޭގެ އެންމެންނާ ހިސާބަށް ފޯރާފައިވާ ޚިދުމަތެއް ކަން ފާހަގަކޮށްފައެވެ.