Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މީދޫގައި ނައިޓު މާކެޓެއް؛ ސްޓޯލްތަކަށް ފުރުސަތު

އައްޑޫ ސިޓީ ހުޅުމީދޫ ޖަޒީރާ

އައްޑޫސިޓީ މީދޫގައި "އެމްޓީސީއެސް ވިޔަފާރި ބާޒާރު" ގެ ނަމުގައި ހުރިހާ ބާވަތެއްގެ ވިޔަފާރިއަށް ހާއްސަ ކުރެވިގެން ނައިޓް މާކެޓެއް ބޭއްވުމަށް ނިންމަފިއެވެ.

މީދޫ ބަނދަރު ސަރަހައްދުގައި ބާއްވާ މި ނައިޓް މާކެޓު އިންތިޒާމު ކުރަނީ މީދޫ ޓުއަރިޒަމް ކޯޕަރޭޓިވް ސޮސައިޓީ (އެމްޓީއެސްސީ) ޖަމީއްޔާއިންނެވެ. ރޭގަނޑު 8 އިން 11:00 ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ނައިޓު މާކެޓުގައި ހުރިހާ ބާވަތެއްގެ ވިޔާރި ކުރާ ފަރާތްތަކަށްވެސް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެމްޓީއެސްސީ ޖަމީއްޔާއިން ބުނެއެވެ. މި މާކެޓު ކުރިއަށް ދާނީ 31 ޖުލައި އިން ފެށިގެން 6 އޯގަސްޓު ނިޔަލަށެވެ.

އެ ޖަމީއްޔާއިން މިފަދަ ނައިޓު މާކެޓެއް އިންތިޒާމު ކުރުމުގެ ބޭނުމަކީ އެކި ބާވަތްތަކުގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފަހި ފުރުސަތެއް ފޯރުކޮށްދިނުން ކަމަށް އެޖަމީއްޔާއިން ބުނެއެވެ. އެގޮތުން އާންމުންނާއި ވިޔަފާރިތަކުންވެސް މިފަަދަ ފުރުސަތަކަށް އެދިއެދި ތިބިކަން އެ ޖަމީއްޔާއިން ފާހަގަ ކުރެއެވެ.

 

މި ނައިޓު މާކެޓުގައި ޖުމްލަ 30 ސްޓޯލް ބެއިންދޭނެ ޖާގަ ލިބިފައިވާ ކަމަށް އެމްޓީއެސްސީ ޖަމީއްޔާއިން ބުނެއެވެ. އެހެން ކަމުން އާންމުކޮށް ސްޓޯލް ބަހައްޓައި މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް ސްޓޯލްތައް ހޯދުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ. އެގޮތުން ކޮންމެ ސްޓޯލެއްވެސް ބައިވެރިވާ ކޮންމެ ދުވާލެއްގެ ރޭޓުން ކުޑަ ފީއެއް ނަގައި ޖާގަތައް ދޫކުރާނެ ކަމަށް ވަނީ ބުނެއެވަ.

ސްޓޯލް ނަގާ ފަރާތްތަކަށް މިވަގުތު އެ ޖަމީއްޔާއިން ބަލަނީ 20 ފޫޓާއި 15 ފޫޓުގެ ޖާގައެއް ދެވޭނެ ކަމަށް އެމްޓީއެސްސީން ބުނެއެވެ. ނަމަވެސް ޖާގަ ހުރިވަރަކުން އިތުރުވެސް ކޮށްދެވޭނެ ކަަމަށާއި، ސްޓޯލްތަކަށް ކަރަންޓާއި، މޭޒާއި އެކު ވިޔަފާރި ކުރާނެ ޖާގަ ދޭނެ ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ.

މިވަގުތުވެސް ސްޓޯލްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ސްޓޯލްތަކަށް ކުރިމަތިލާން ވަކި ޑެޑްލައިނެއް ކަނޑައެޅިފައި ނެތް ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ. އަދި ވީހާވެސް ގިނަ ވިޔަފާރިތަކަށް މާކެޓުގައި ބައިވެރިވުމަށް ޖަމީއްޔާއިން ވަނީ ދައުވަތު ދީފައެވެ.