ޖަމިއްޔަތުއްސަލަފް އުވާލަން ޔޫތު މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.
ސަލަފް ޖަމިއްޔާއާއެކު އިތުރު 1989 ޖަމިއްޔާއެއް އުވާލަން ޔޫތް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުނީ އުވާލަން އިއުލާން ކުރި ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާތަށް ކަމަށެވެ.
އުވާލާ ލިސްޓަށް ލައިފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އަދި އެބައޮތް ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ ފުރުސަތު އޮތީ 24 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
އެ ތާރީހަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ސަލަފް ޖަމިއްޔާ އަކީ ދީނީ ހޭލުންތެރިކަން އިތުރުކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ.