Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މިނިވަން އުފާ ކާނިވަލުން ބާލީ އަށް ދެވިދާނެ

މިނިވަން އުފާ ކާނިވަލަށް ތައްޔާރުވެފައި / ފޮޓޯ: އާބަންކޯ

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާއި ގުޅިގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިނިވަން އުފާ ކާނިވަލަށް ޒިޔާރަތްކޮށްގެން އިންޑޮނޭޝިއާގެ ބާލީގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯ އަދި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ކާނިވަލުގެ އެންމެ ފަހު ތައްޔާރީތައް ކުރިއަށްދާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އެގޮތުން ޕާކު ޒީނަތްތެރިކަޮށް ސްޓޯލްތައް ވަނީ ތައްޔާރުވެފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހުގެ 28 އިން 3 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "މިނިވަން އުފާ" ކާނިވަލަށް ވަންނަން އެއްވެސް އަގެން ނުނަގާނައެވެ. ގިނަ އަދަދެއް ސްޓޯލްތައް ހިމެނޭ މި ކާނިވަލުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ. މިގޮތުން ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކިއު.އާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއި އެކު އިންޑޮނީޝިއާގެ ބާލީއަށް 7 ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއި އެކު ދިއުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އާބަންކޯއިން ބުނެއެވެ.


ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. މިގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. މީގެ އިތުރުން ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަރ ޓެގް ގެ ހަރަކާތްތައް ވަނީ ހިމެނިފައެވެ.

ރައްޖޭގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު މިފަދަ ކާނިވަލަށް މި ކާނިވަލު ވެގެންދާއިރު މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށް، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ތައްޔާރު ކުރެވިފައިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.