ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަންގެ އަމިއްލަ ސްކިންކެއާ ބްރޭންޑެއް ލޯންޗްކޮށްފ އެވެ.
މިއަދު ފާހަގަކުރާ އޭނަގެ 33 ވަނަ އުފަން ދުވަހާ ދިމާކޮށް ލޯންޗްކުރި ބްރޭންޑްގެ ނަމަކީ "ހައިފަން" އެވެ. މިހާރު ބޮލީވުޑްގައި އެންމެ ނަގާކިޔާ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކްރިތީ ބުނީ އަނެއްކާ އިތުރު އެހެން ކަމަކަށް އިންވެސްޓްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަމިއްލަ ސްކިންކެއާ ބްރޭންޑެއް ލޯންޗްކުރުމަކީ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
އޭނަ ބުނި ގޮތުގައި "ހައިފަން" އަކީ އަންހެނުންގެ ހުރިހާ ވައްތަރެއްގެ ހަމަކާ ގުޅޭ، އަތްފޯރާ އަގެއްގައި ލިބޭނެ އެއްޗެކެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކްރިތީ ވަނީ މި މަހުގެ ކުރީކޮޅު ބްލޫ ބަޓަފްލައި ފިލްމްސް ކިޔާ އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ލޯންޗްކޮށްފަ އެވެ. އޭގެ ދަށުން އުފައްދާ ފުރަތަމަ ފިލްމަކީ ކްރިތީ އާއި ކާޖޮލް މުހިއްމު ރޯލުތަކެއް ކުޅެން ހަމަޖެހިފައިވާ "ދޯ ޕައްތީ" އެވެ.
މިދިޔަ މަހު ރިލީޒްކުރި "އާދިޕުރުޝް" ގެ ބަތަލާގެ ދެ ފިލްމެއް މި އަހަރު އަދި ރިލީޒްވާން އެބައޮތެވެ. އެއީ ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އާއި ޝާހިދު ކަޕޫރާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމެކެވެ. މި އަހަރު ރިލީޒްވި ކްރިތީގެ ފުރަތަމަ ފިލްމަކީ ކާތިކް އާރިއަންގެ "ޝެހެޒާދާ" އެވެ.