ކުޅުނު ފުރަތަމަ މެޗުގައި ކަރީމް ބެންޒެމާ ޖެހި ގޯލާއެކު އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގައި ރޭ ފަހަތުން އަރައި އެސްޕެރަންސް ތޫނިސް އަތުން 2-1 އިން އަލް އިއްތިހާދު މޮޅުވެއްޖެ އެވެ.
ބެންޒެމާ އަލް އިއްތިހާދަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ އަގު 400 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކިންގް ފަހްދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އެސްޕެރަންސް ތޫނިސް އިންނެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އޮސާމާ ބުގޭރާ އެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓްގައި ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތަކުން އަބްދުއްރަޒަކް ހަމަދުﷲ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި މެޗުން އަލް އިއްތިހާދު މޮޅުވި ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. ބެންޒެމާ މި ގޯލު ކާމިޔާބު ކުރީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މި މެޗުގައި ޗެލްސީ ދޫކޮށް އަލް އިއްތިހާދާއި ގުޅުނު ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ވެސް ކުޅެފައިވެ އެވެ.