Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޓީޗަރުންގެ ލައިސަންސަށް ޕޯޓަލްއެއް ތައާރަފުކުރަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް އެކަމުގެ ލައިސަންސް ނެގުމަށް ހާއްސަކޮށްގެން ޕޯޓަލްއެއް ތައާރަފުކުރަން ތައްޔާރުވަމުން އަންނަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މަރިޔަމް ނާސިރު ވިދާޅުވީ އޮންލައިންކޮށް ލައިސަންސް ނެގޭނެ ގޮތް ހަމަޖެއްސުމުގެ މައިގަނޑު މަގުސަދަކީ ޓީޗަރުންނަށް ވީހާ ވެސް ފަސޭހަކޮށް ލައިސަންސް ލިބޭނޭ ގޮތް ހަމަޖެއްސުން ކަމަށެވެ.

"އޭރުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މުދައްރިސުންނަށް ލައިސެންސަށް އެދި ހުށައެޅޭނެ. ދެން ވީހާ ވެސް ފަސޭހަ ގޮތަކަށް ޓީޗަރުންނަށް ވެސް އަދި އެހެން ބޭފުޅުންނަށް ވެސް ވީހާ ވެސް ފަސޭހަ ގޮތަކަށް ހަމަޖެއްސުމަށްޓަކާ އަޅުގަނޑުމެން އޮންލައިންކޮށް ހުށައެޅޭ ގޮތަށް ޕޯޓަލްއެއް މި ތައްޔާރުކުރަނީ." އޭނަ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވި ގޮތުގައި ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް އެޕްލައި ކުރުމަށް މިނިސްޓްރީން ހުޅުވައިލާނީ އެކި ދުވަސްވަރު އެކި ޒޯންތަކަށް ބަހާލައިގެންނެވެ.

ޓީޗަރުންނަށް ލައިސަންސް ދޫކުރުމުގައި ބަލާނީ މިނިސްޓްރީން މެއި 1 ގައި ނެރުނު ޓީޗަރުންގެ ގަވާއިދުގައިވާ ޝަރުތުތަކަށެވެ. ގަވާއިދުގައިވާ ގޮތުގެ މަތިން ލައިސަންސް ނެގުމަށް ހުށައަޅާ އިރު ޕޯޓްފޯލިއޯއެއް ހުށައަޅަން ޖެހެއެވެ. އެ ބޭނުން ވާނީ ލައިސެންސް އާ ކުރަން ހުށައަޅާ އިރު ނުވަތަ ކެޓަގަރީ ބަދަލު ކުރަން ހުށައަޅާއިރު ކަމަށް މިނިސްޓްރީން ބުންޏެވެ.

"މި ޕޯޓްފޯލިއޯގެ މައިގަނޑު މަގުސަދަކީ މުދައްރިސުންނަކީ ފަންނީގޮތުން އަބަދުވެސް ކުރިއަރާފައިވާ ބަޔަކަށް ހެދުން. ދެން ޕޯޓްފޯލިއޯ މި ބޭނުން ވަނީ ލައިސެންސް އާކުރަން ހުށައަޅާއިރުގަޔާ ލައިސެންސްގެ ކެޓަގަރީ ބަދަލްކުރަން ހުށައަޅާ އިރު،" މަރިޔަމް ވިދާޅުވި އެވެ. "ކުރުގޮތަކަށް ދަންނަވާނަމަ ޕްރޮމޯޝަން ބަދަލްކުރަން ހުޝައަޅާއިރުގަ. އެނޫން އެހެން ކަމަކަށް ޕޯޓްފޯލިއީ ބޭނުމެއް ނުވާނެ. ދެން ހަމައެކަނި މިބޭނުންވަނީ ޓީޗަރުންގެ ގޮތުގަ މަސައްކަތް ކުރާ ފަރާތް ތަކަށް ނުވަތަ ޓީޗާ ކެޓަގަރީގަ މަސައްކަތް ކުރާ ފަރާތްތަކަށް ލައިސެންސް ނެގުމަށް."

އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2029 ވަނަ އަހަރުން ފެށިގެން ޓީޗަރުންގެ ލައިސަންސަށް އެދި ހުށަހަޅާއިރު 4 އަހަރުގެ ޑިގްރީއެއް އޮންނަން ޖެހޭނެ ގޮތަށް ވެސް ކަނޑައަޅައިފަ އެވެ. ކަމަށެވެ. އެކަމަކު މިހާރު ޑިގްރީ ހަދަމުން އަންނަ ދަރިވަރުންނަށް ލައިސެންސް ލިބޭނެ އެވެ.

މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އަންނަ މަހުގެ 6 ގަ އެވެ.