Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

މި ދައްކާލީ އިލްޔާސްގެ ބަށި ކުޅުމުގެ ހުނަރު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ބަށި ކުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ހިއްސާކުރައްވައިފި އެވެ.

އެ ވީޑިއޯ ޓްވިޓާގައި ޕޯސްޓްކުރައްވައި ނަޝީދު ވިދާޅުވީ "ލޭޑީސް އެންޑް ޖެންޓްލްމެން، އިލްޔާސް ލަބީބު" ކަމަށެވެ. އެ ވީޑިއޯގައި ފެންނަނީ ރަށެއްގެ ފިރިހެނުންތަކަކާ އެކީ ބަށި ކޯޓެއްގައި އިލްޔާސް ބަށި ކުޅުއްވާ ތަނެވެ.

ބައްޓަކީ އަންހެނުންނަށް ހާއްސަ ކުޅިވަރެއްގެ ގޮތުގައި ރާއްޖޭގައި މަޝްހޫރު ކުޅިވަރެކެވެ. އަދި ކުރިން ބައްޓަކީ ރާއްޖޭގައި ވަރަށް ފޯރީގައި ކުޅުނު، ބަށީގެ ބޮޑެތި މުބާރާތްތަކެއް ވެސް ބާއްވަމުން އައި ގައުމެކެވެ.

އިލްޔާސް ބަށި ކުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ނަޝީދު ހިއްސާކުރެއްވި އިރު، ޑިމޮކްރެޓްސްގެ ޕްރައިމަރީ އަށް އިލްޔާސް އެކަނި ވާދަކުރައްވާތީ އެކަމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓެއްގެ ޕްރައިމަރީ މިއަދު އޮންނާނެ އެވެ. މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވެފައިވާ ގޮތުގައި އޭނަގެ ރަނިންމޭޓް ވެސް މިއަދު އިއުލާން ކުރައްވާނެ އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ދެން ވެރިކަމަށް ގެންނަންވީ އިލްޔާސް ކަހަލަ ޒުވާން ބޭފުޅެކެވެ. އަދި އޭނަ އަކީ އެކަމަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެފައިވެ އެވެ. އިލްޔާސް ވިދާޅުވެފައިވާ ގޮތުގައި އޭނަ ކުރިއަށް ވަޑައިގަންނަވާނީ ނަޝީދު ދައްކަވާ މަގުންނެވެ.