Last Updated: May 20, 01:49
Sunday, May 19, 2024
ދުނިޔެ

ޓްވިޓާ "ޑާކް މޯޑް" އަށް ބަދަލުކޮށްލަނީ

މި ހަފުތާގެ ކުރީކޮޅު "އެކްސް" އަށް ރިބޭންޑްކުރި ޓްވިޓާ "ޑާކް މޯޑް" އަށް އެއްކޮށް ބަދަލުކުރަން ނިންމައިފި އެވެ.

މީގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވީ ވަރަށް އަވަހަށް މި ޕްލެޓް އެއްކޮށް "ޑާކް މޯޑް" އަށް ބަދަލުވާނެ ކަމަށާއި "މި ބަދަލު މާ ބޮޑަށް ވެސް ރަނގަޅުވާނެ" ކަމަށެވެ. ނަމަވެސް މި ބަދަލު ގެންނަން ނިންމި ސީދާ ސަބަބެއް ވިދާޅެއް ނުވެ އެވެ.

މިކަމާ ގުޅިގެން ޓްވިޓާ ބޭނުންކުރާ މީހުން މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުން މިހާރެކޭ އެއްގޮތަށް މިކަން އޮޕްޝަނެއްގެ ގޮތުގައި ބާއްވަން އެދޭ ކަމަށާއި ޑާކް މޯޑަކީ ހުރިހާ އެންމެންނަށް ބޭނުން ކުރަން ފަސޭހަ ގޮތަކަށް ނުވާނެ ކަމަށެވެ. އެހެންވެ ޓްވިޓާ ބޭނުންކުރާ މީހުންނަށް އުނދަގޫވާ ފަދަ ބަދަލުތައް ނުގެންނަން ވެސް އެދިފައިވެ އެވެ.

ނަމަވެސް އީލޮން އަކީ އޭނަ ކުރައްވަން ނިންމަވާ ކަންކަމުގައި ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެކަމަކު ޓްވިޓާ އެއްކޮށް "ބްލެކް މޯޑް" އަށް ބަދަލުކުރުމުގެ މީގެ ކުރިން ވެސް ބައެއް ކަންކަމުގައި ޓްވިޓާގައި އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލި ގޮތަށް އީލޮން މި ފަހަރު ވެސް އަމަލު ކުރައްވަން ނިންމެވި ނަމަ ވަރަށް ރަނގަޅުވީ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

އޭނަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތް ފަހުން މީގެ އުސޫލުތަކަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އަދި އެފަދަ ގިނަ ކަންކަމާ ވަރަށް ގިނަ ބަޔަކު ތިބީ ނުރުހި އެވެ.

ޓްވިޓާގެ ލޯގޯއަކަށް ކުރިން އިން ދޫނި ދުއްވާލައި ލޯގޯ "އެކްސް" އަށް ރިބޭންޑްކުރީ މިދިޔަ ހޯމަ ދުވަހި އެވެ. އަދި މިހާރު ޓްވިޓާ ހިންގާ ކުންފުންނަކީ އެކްސް ކޯޕަރޭޝަނެވެ.