ކެމްޕޭން ދަތުރެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސަށް އެ ސިޓީން ހޫނު މަރުހަބާއެއް ކިޔަން ފުވައްމުލަކުގެ އެމްޑީޕީ މެމްބަރުން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ. އެގޮތުން ފުވައްމުލަކުގެ ކެމްޕެއިން ކޯޑިނޭޓަު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެ ޕާޓީގެ މަޖިލކިސް މެމްބަރުންނާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު މިއަދު ކެމްޕޭން ޓީމްތަކާ ބައްދަވުންތަކެއް ބާއްވައި މަޝްވަރާތަކެއް ވެސްކޮށްފައިވެ އެވެ.
ފުވައްމުލަކަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރޭގައި ސަރުކާރުން އެ ސިޓީގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ވެސް ފާހަގަކުރައްވާނެ އެވެ.
ރައީސް ފުވައްމުލަކަށް ވަޑައިންގަނަވާ އިރު، އެ މަނިކުގެ ނައިބު ފައިސަލް ނަސީމަކީ ފުވައްމުލަކު ބޭފުޅެކެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސްގެ ރަނިންމޭޓަކަށް ފައިސަލް ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް މިހާރު ގެންވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ.