Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ޔޫރަޕްގެ މުބާރާތްތަކުން ޔުވެންޓަސް ސަސްޕެންޑް!

އިޓަލީގެ ޔުވެންޓަސް އިން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ ޔުއެފާ އިން އެ ކްލަބް ޔޫރަޕުގެ މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް އެއް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.

ޔޫއެފާ އިން މި އަދަބުގެ ދިންއިރު ޔުވެންޓަސް އޮތީ އަންނަ ސީޒަނުގެ ޔޫރޮޕާ ކޮންފަރެންސް ލީގަށް ކޮލިފައިވެފައިވެ އެވެ. މި އަދަބާއެކު އެ ކްލަބަށް ދެން އެ މުބާރާތުގައި ނުކުޅެވޭނެ އެވެ. ޔުވެންޓަސްގެ ބަދަލުގައި އެ މުބާރާތުގައި ދެން ކުޅޭނެ ކަމަށް ބެލެވެނީ މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގުގެ ފައިނަލްގައި ކުޅުނު އިޓަލީގެ ފިއޮރެންޓީނާ އެވެ.

ޔޫރަޕްގެ މުބާރާތްތަކުން އެއް އަހަރަށް ސަސްޕެންޑް ކުރުމުގެ އިތުރުން ޔޫއެފާ އިން ވަނީ އެ ކްލަބު 17.14 މިލިއަން ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. ޔޫއެފާ އިން ދިން މި އަދަބު އެޕީލް ނުކުރަން ޔުވެންޓަސް އިން ވަނީ ނިންމައިފަ އެވެ.

ޔޫއެފާ އިން މީގެކުރިން ވެސް ވަނީ އެފްއެފްޕީގެ ގަވާއިދާއި ހިލާފުވުމުން ބައެއް ކްލަބްތަކަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެތެރޭގައި ޕީއެސްޖީ އާއި އޭސީ މިލާން ހިމެނެ އެވެ.

ޔޫއެފާ އިން މިފަދަ އަބެއް ދީފައިވާއިރު ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ މައްސަލާގައި މިދިޔަ ސީޒަނުގައި ޔުވެންޓަސް އަތުން ވަނީ 10 ޕޮއިންޓް އުނިކޮށްފަ އެވެ. އެއާއެކު ޔުވެންޓަސް މިދިޔަ ސީޒަން ނިންމާލީ ލީގުގެ 7 ވަނައިގައި އޮވެ އެވެ.