Last Updated: May 5, 19:21
Sunday, May 5, 2024
ޚަބަރު

ހުދު ވަލުގައި ވަރަށް ގިނަ ބަޔަކު ހިފައިފި: އުމަރު

އުމަރު ނަސީރު

ވަރަށް ގިނަ ބަޔަކު އޭނާގެ ހުދު ވަލުގައި މިހާރު ހިފާފައިވާ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމަށްވާއިރު، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ 1500 މީހުންގެ ސޮއި ބޭނުންވާނެ އެވެ. އެގޮތުން އުމަރު މިހާރު ވަނީ އިންތިހާބުގައި ވާދަކުރުމަށް 2،000 މީހުންގެ ސޮއި ހަމަކޮށްފަ އެވެ.

އުމަރުގެ ކެމްޕެއިން އޮފީހުގައި އިންނަވައި ފޭސްބުކް ލައިވްއެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޭނާގެ ކެމްޕެއިން މިހާރު ހަރަކާތަކަށް ބަދަލުވެފައިވާ ކަމަށާއި ވަރަށް ގިނަ އަދަދެއްގެ އާންމުން މިކަމުގައި ބައިވެރިވަމުންދާ ކަމަށެވެ.

"މިހާ ހިސާބަށް އަޅުގަނޑަށް ފާހަގަކުރެވުނީ މިއީ ކެމްޕެއިނަކަށް ވުރެ ބޮޑަށް ހަރަކާތެކޭ، އިނގޭތޯ؟ މޫވްމެންޓަކަށް ބަދަލުވެއްޖެ. ވަރަށް ގިނަ އަދަދެއްގެ އާންމުން މީގައި ބައިވެރިވެ، މި ހުދު ވަލުގައި ވަރަށް ގިނަ ބަޔަކު ހިފައިފި މިހާރު،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މި ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނެވި ބޭފުޅަކު ބަދަލުކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން ކަމަށާއި މިއީ މި ގައުމުގެ މިސްރާބު ބަދަލުކުރަން ހިންގާ ކެމްޕެއިނެއް ކަމަށެވެ.

"މިއީ މި ގައުމުގެ މިސްރާބު ބަދަލުކުރަން އަޅުގަނޑުމެން ހިންގާ ކެމްޕެއިނެއް. މި ގައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، މި ގައުމު މުޅިން އާ މިސްރާބަކަށް ގެންދިޔުމަށް އަޅުގަނޑުމެން ހިންގާ ކެމްޕެއިނެއް،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އަދި އެއްވެސް ބޭފުޅަކު އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.