Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

ރައީސްގެ ރަނިންމޭޓް އިއުލާން ކުރުން މިރޭ

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މިރޭ އިއުލާން ކުރާނެ ކަމަށް އެނގިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން އިއުލާން ކުރާނީ ރައީސް މިއަދު ފުވައްލުކަލަށް ފައްޓަވާ ކެމްޕޭން ދަތުރުގެ ތެރެއިން މިރޭ އެ ސިޓީގައި ބާއްވާ ހަފުލާއެއްގަ އެވެ. ނަމަވެސް މިކަން އަދި އެމްޑީޕީން ކަށަވަރުކޮށެއް ނުދެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ރައީސްގެ މި ފަހަރުގެ ރަނިންމޭޓަކީ ވެސް 2018 ގެ ރަނިންމޭޓްކަން ވެސް ލިބިވަޑައިގަތް މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ފައިސަލަކީ ފުވައްމުލަކު ބޭފުޅެކެވެ. ނައިބު ރައީސް ކަމަށް ވަޑައިގަތް ފަހުން ފައިސަލް އުޅުއްވަނީ ޖޭޕީއާ ވަރަށް ދުރުކޮށެވެ.

ރައީސްގެ ރަނިންމޭޓަކަށް އަލުން ވަޑައިގަންނަވަން ފައިސަލް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޝައުގުވެރިކަން ވެސް ފާޅުކުރައްވާފައިވެ އެވެ. އަދި ރައީސް ވިދާޅުވެފައިވާ ގޮތުގައި ފައިސަލަކީ ވަރަށް އިތުބާރު ކުރެއްވޭ އެކީގައި މަސައްކަތްކުރައްވަން ފަސޭހަ ބޭފުޅެކެވެ.

ރައީސް ދާދި ފަހުން ވިދާޅުވީ އެ މަނިކުފާނަށް މި ވަގުތު އޮތް "އެންމެ ބޮޑު މައްސަލަ" އަކީ ރަނިންމޭޓް ކަނޑައެޅުމެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައިވެ އެވެ. މި ފަހަރު އެމްޑީޕީގެ ކޯލިޝަން ބައިވެރިންނަކީ އަދާލަތާއި އެމްޑީއޭ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.