ޖަލަށްލާން ހުކުމް ކުރިޔަސް އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނިކުންނަވަން ނިންމަވައި ޓްރަމްޕް ކެމްޕެއިން ފަށައިގެން ކުރިއަށް ގެންދާއިރު އެކި މައްސަލަތަކުގައި ޓްރަމްޕްގެ މައްޗަށް ވަނީ ޖިނާއީ ދައުވާތަކެއް އުފުލައިފަ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ ޓްރަމްޕަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އިއްޔެ ގެނެސްދިން ޓޯކް ޝޯއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ދައުވާތައް ސާބިތުވެގެން ޖަލު ހުކުމެއް އައި ނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އެގޮތުން ޖަލު ހުކުމެއްގައި ހުރި ނަމަވެސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެމެރިކާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެއީ އިންތިހާބުގައި ވާދަކުރުން ހުއްޓާލާނެ ސަބަބެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"އެފަދަ ކަމެއް ދިމާވިޔަސް މި މަސައްކަތް ހުއްޓާނުލާނަން. އަދި އޭގެ ސަބަބުން އަހަރެން ވެސް ނުހުއްޓުވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް މިހެން ވިދާޅުވިއިރު އެމެރިކާގައި 1920 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ސޯޝަލިސްޓް ޕާޓީގެ ކެންޑިޑޭޓް، އިއުޖީން ޑެބްސް ވަނީ ވާދަކޮށް 914،191 ވޯޓު ހޯދައިފަ އެވެ. އެއީ އެ އިންތިހާބުގައި ވޯޓުލީ މީހުންގެ 3.4 ޕަސެންޓެވެ.
ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވެރިކަމުގައި ހުންނެވި ދުވަސްވަރު ވައިޓްހައުސް އިން ގެންދިޔަ ސިއްރު ޑޮކިއުމެންޓްތަކެއް އޭނާގެ ގެކޮޅުން ފެނުނު މައްސަލަ އާއި ބަރަހަނާ ފިލްމު ކުޅުމަށް މަޝްހޫރު ސްޓޯމީ ޑެނިއެލްސްއާ އެކު ބޭއްވި ގުޅުން ސިއްރުކުރަން ފައިސާ ދިން ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅިގެންނެވެ.
ޓްރަމްޕަކީ އެމެރިކާގައި ޖިނާއީ ދައުވާތަކެއް އުފުލި އެމެރިކާގެ ކުރީގެ ފުރަތަމަ ރައީސެވެ.