އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޗުއްޓީ އަށް ރާއްޖެ އަށް ކުރި ދަތުރުގެ މަންޒަރުތަކެއް އޭނަ ޗުއްޓީ ހޭދަކުރި ކުޑަ ވިލިގިލި ރިސޯޓުން އާންމުކޮށްފި އެވެ.
އެތަނުގެ ސޯޝަލް މީޑިއާގައި ވަނީ ރަޖްނީކާންތު، 72، އާއި އަންހެނުން ލަތާ ރަޖްނީކާންތު، 65 އަށް ހޫނު މަރުހަބާއެއް ކިޔާ މަންޒަރު ފެންނަ ވީޑިއޯއަކާއި އެ މީހުން ފުރައިގެން ދިއުމުގެ ކުރިން ބޭއްވި ފެއާވެލްއެއްގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.
ފެއާވެލް ވީޑިއޯގައި ރިސޯޓްގެ މުވައްޒަފުންނާ އެކީ ރަޖްނީކާންތުގެ ދެމަފިރިން ކޭކެއް ފަޅާ ތަން ވެސް ފެނެ އެވެ.
ރާއްޖެ އަށް އަލަށް ކުރި ޗުއްޓީ ދަތުރު ނިންމާލައި ރަޖްނީކާންތު ރާއްޖެ އިން ފުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނަ ރާއްޖެ އައީ ވެސް އަދި އެނބުރި ދިޔައީ ވެސް ސްރީ ލަންކާ މަގުން، އެ ގައުމުގެ އެއާލައިން، ސްރީ ލަންކަން އެއާލައިންގަ އެވެ.
ރަޖްނީކާންތަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ފިލްމީ ތަރި އެވެ. ފިލްމުތަކުގައި ވަރަށް "އާޓްގަނޑު ބޮޑު" އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒްކުރާ ތަމަޅަ އެކްޝަން ކޮމެޑީ "ޖެއިލާ" އެވެ. މި ފަހުން ރަޖްނީކާންތު މުޅިން ވެސް ކުޅެނީ ތަމަޅަ ފިލްމު ކަމަށް ވިޔަސް، ކުރިން އޭނަ ގިނަ އަދަދެއްގެ ހިންދީ ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ.