ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގްއާ އެކީ މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އެއީ ވަރަށް ލޯބިވާ އެކްޓަރެއް ކަމަށް ހޮލީވުޑްގެ ޑައިރެކްޓަރު އަލީ ސެލީމް ބުނެފި އެވެ.
ދާދި ފަހުން ޑިޒްނީ ޕްލަސް އިން ސްޓްރީމްކުރި މާވެލް ސްޓޫޑިއޯސްގެ "ސީކްރެޓް އިންވޭޝަން" ގެ ޑައިރެކްޓަރު އިންޑިއާގެ ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާރު އެންމެ ބޮޑަށް ކުރެވޭ އެއް އުންމީދަކީ ރަންވީރާ އެކީ ކޮންމެވެސް ދުވަހަކުން މަސައްކަތްކޮށްލަން ލިބޭނެ އިރަކަށް ކަމަށެވެ.
އޭނަ ބުނި ގޮތުގައި ވަރަށް ފަހުން ރަންވީރާ ބައްދަލުވެ، ދެ މީހުން ރޭގަނޑުގެ ކެއުމަކަށް އެކީގައި ގޮސް ވަރަށް ގިނަ ވާހަކަތައް ވެސް ދެކެވެނުވެ.
"އެހެންވެ ވަރަށް އުންމީދުކުރަން އަހަރެމެންނަށް އެކީގައި މަސައްކަތްކުރެވޭ ކަހަލަ ޕްރޮޖެކްޓަކާ ކޮންމެވެސް ދުވަހަކުން ލައްވާލާނެ ކަމަށް. ރަންވީރު ދެކެ އަހަރެން ވަރަށް ލޯބިވޭ. އަދި އޭނަ އަށް އަބަދު ވެސް ކާމިޔާބީ އަށް ވެސް އެދެން." އަލީ ބުންޏެވެ.
ހޮލީވުޑްގެ މަޝްހޫރު ތަރި ވިން ޑީޒެލްގެ 2017 ގެ ފިލްމު "ޓްރިޕްލްސް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގެ ރޯލެއް ކުޅުނު ބަތަލާ ދީޕިކާގެ ފިރިމީހާ ރަންވީރާ އެކީ މަސައްކަތްކުރަން ހޮލީވުޑްގެ ޑައިރެކްޓަރު ޝައުގުވެރިކަން ފާޅުކުރި އިރު، ރަންވީރަކީ ބޮލީވުޑްގައި މި ވަގުތު ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
ހޮލީވުޑްގެ ޑައިރެކްޓަރަކު ރަންވީރާ އެކީ މަސައްކަތްކުރުމުގެ އުންމީދުގައި ހުރި ހުނަރުވެރި އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ އިއްޔެ ސިނަމާތަކަށް ދޫކޮށްލި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކޯ ޕްރޭމް ކަހާނީ" އެވެ.
އަލީ ޑައިރެކްޓްކުރި އުފެއްފުންތަކުގެ ތެރޭގައި މަޝްހޫރު ސީރީޒްތައް ކަމަށްވާ "ކްރިމިނަލް މައިންޑްސް"، "ސްވީޓް ލޭންޑް"، "މޭންހަންޓް" އަދި ކޮންޑޯ" ހިމެނެ އެވެ.