Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ކެމްޕޭނަށް ހިންގާ މަޝްރޫއުތައް ބާތިލުކުރާނަން

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ސަރުކާރުން މިހާރު އިއުލާންކުރާ މަޝްރޫއުތައް ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ ކަމަށް އެ ޕާޓީގެ ނައުބު ރައީސް އަހުމަދު ޝިޔާމު ވިދާވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެއްވުމެއްގައި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ އިންތިހާބާ ދިމާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން ފައްޓަވާ މަޝްރޫއުތައް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނެ ކަމަށާއި އެފަދަ މަޝްރޫއުތަކަކީ ބަޖެޓުގައި ވެސް ނުހިމެނޭ ކަންކަން ކަމަށެވެ.

ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި ވެރިކަން ހޯދުމުގެ ބޭނުމުގައި ރައީސް ދައުލަތުގެ މާލިއްޔާއިން ހޭދަކޮށްގެން އިއުލާންކުރައްވާ ހުރިހާ މަޝްރޫއެއްގެ ފައިސާ ހޭދަކުރަނީ އެ މަނިކުފާނުގެ ކެމްޕޭނަށެވެ. އެހެންވެ އެއީ ގައުމަށާއި، ރައްޔިތުންނަށް ވެސް ފައިދާ ހުރި މަޝްރޫއުތަކަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އެއީ ބޭރުގެ އިންވެސްޓްމެންޓެއް ކަމަށް ވިޔަސް، އެއީ މި ގައުމުގެ ވިޔަފާރިވެރިއަކަށް ދީގެން ކުރިއަށް ގެންދާ އިންވެސްޓްމެންޓެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައީސް ޔާމީނެއްގެ ޒައާމަތެއްގައި އިރާދަކުރެއްވިއްޔާ ބަޖެޓު ނުކޮށް މިދޭ ޕްރޮޖެކްޓުތައް އަޅުގަނޑުމެން، މި ޕްރޮޖެކްޓުތަކުގެ އެގްރީމެންޓްތައް ބާތިލުކުރާނަން. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވާލާނަން، ބާތިލުކުރާނަން." ޝިޔާމް ވިދާޅުވި އެވެ. "އެއީ ޕްރޮޖެކްޓުގެ ނަމުގައި ހިންގާ ސީދާ ބޮޑެތި ވައްކަން."

އޭނަ ވިދާޅުވީ މި ސަރުކާރުން އިންޑިއާގައި ދަރަނި ދަންތުރައެއްގައި ވެސް ރާއްޖެ ޖައްސާފައިވާ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުން ނިކަމެތިކޮށްފައިވާ ކަމަށާއިމުސާރަ ލިބޭތާ ދެ ދުވަސް ތެރޭގައި އެ މުސާރަކޮ ޅުވެސް އޮންނަނީ ހުސްވެފައި ކަމަށް ވިދާޅުވި އެވެ.

"ފައިސާ ޗާޕުކޮށްގެން ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް މީނަ ތިން ފަހަރަށް ނެރެފި. އަދިވެސް އޮތީ ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑްކޮށްފައި،" ޝިޔާމު ވިދާޅުވި އެވެ. "ސަސްޕެންޑް ކޮށްގެން ފައިސާ ޗާޕު ކޮށްގެން މިވާ ގޮތަކީ ދިވެހި ރައްޔިތުންގެ ޖީބަށް މި ބާރު ބޮޑުވަނީ."

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ކޯލިޝަނުން ކެމްޕޭން ކުރަމުން އަންނަ އިރު، އެ ކޯލިޝަންންގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.