Last Updated: July 25, 09:39
Saturday, July 25, 2026
މުނިފޫހިފިލުވުން

ބޮލީވުޑް ފިލްމުތަކަށް މީހުން ކުރަނީ މަލާމާތް

ބޮލީވުޑްގައި އާންމުކޮށް ހަދަނީ އޮއްޓަރެއް ނުހުންނަ ވަރަށް ފީކަޅާ ފިލްމުތައް ކަމަށާއި އެކަމާ ހެދި އިންޑަސްޓްރީ އަށް އަމާޒުވާ ފާޑުކިޔުންތަކާއި މަލާމާތް ވަރަށް ގިނަ ކަމަށް ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ބުނެފި އެވެ.

ބަތަލާ ކަންގަނާ ރަނާވަތު ގޮތަށް ބޮލީވުޑާއި އިންޑަސްޓްރީގެ އެންމެ މަޝްހޫރު، ނުފޫޒު ގަދަ މީހުންނަށް ފާޑުކިޔުމުގައި އަރާހުރި ޑައިރެކްޓަރު ބޮލީވުޑް ބަބްލް އަށް އިންޓަވިއުއެއްގައި ބުނީ ބޮލީވުޑްގެ ފިލްމުތައް ފީކަޅާވުމުގެ މައިގަނޑު ސަބަބަކީ ކޮންޓެންޓް ރަނގަޅު ފިލްމުތައް ހެދުމުގެ ބަދަލުގައި މަޝްހޫރު ތަރިންނަށް ބަރޯސާވެގެން ހަމައެކަނި އާމްދަނީ އަށް ވިސްނައިގެން "ކޫސަނި" ފިލްމުތައް ހެދުން ކަމަށެވެ.

"މީގެ ސަބަބުން މުޅި ދުނިޔެ ވެސް ބޮލީވުޑްގެ ފިލްމުތައް މަލާމާތްކުރޭ." މިދިޔަ އަހަރު އެންމެ ހިނގި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަޝްމީރު ފައިލްސް" ގެ ޑައިރެކްޓަރު ބުންޏެވެ.

ވިވެކް ބުނީ ބޮލީވުޑަކީ ރީތި މިއުޒިކާއި ޗާލު ކޮސްޓިއުމްތައް ގެނެސްދޭ ތަނެއް ކަމަށާއި އެކަން ގިނަ ބަޔަކު ކޮޕީ ވެސް ކުރާ ކަމަށެވެ.

"އެކަމަކު އެހެން ބަޔަކު ކޮޕީ ނުކުރަނީ އަހަރެމެންގެ ކޮންޓެންޓް. ސަބަބަކީ ބޮލީވުޑްގެ ފިލްމުތަކުގެ ކޮންޓެންޓްތަކުގައި އޮއްޓަރެއް ނެތީމަ." ފިލްމެއްގެ މުހިއްމު އެއްޗަކީ އޭގެ ޕްލޮޓްކަން ފާހަގަކޮށް އޭނަ ބުންޏެވެ.

ބަތަލާ ޕައްލަވީ ޖޯޝީގެ ފިރިމީހާ ވިވެކް ބުނީ އޭނަ އެންމެ ދެކެން ބޭނުންވާ ކަމަކީ ބޮލީވުޑަކީ މުޅި ދުނިޔޭގައި ވެސް އެންމެ ވަރުގަދަ ފިލްމު އިންޑަސްޓްރީ އަށް ވުން ކަމަށެވެ.

"އެ ބަދަލު އެބަ ބޭނުންވޭ. އަހަރެން ވަރަށް ބޭނުން ބޮލީވުޑުން ބަދަލެއް ފެނި، މި އިންސްޓްރީ ދުނިޔޭގެ އެއް ވަނަ ފިލްމު އިންޑަސްޓްރީ އަށް ވާން،" އޭނަ ބުންޏެވެ. "އަދި ބޮލީވުޑަކީ އިންޑިއާގެ ގަދަ ބާރަކަށްވާން އަހަރެން ބޭނުން. އެކަމަކު ފެންނަ މަންޒަރުތަކަށް ބަލާ އިރު މި އިންޑަސްޓްރީ އަށް ގިނަ ބަޔަކު ހަޖޫ ޖަހައި މަލާމަތްކޮށް ހީ ހަދާތަން މި ފެންނަނީ."

"ޗޮކްލެޓް" އާއި "ހޭޓް ސްޓޯރީ" އާއި "ޒިދު" އަދި "ދަ ޓަޝްކެންޓް ފައިލްސް" ގެނެސްދިން ވިވެކްގެ ކުރިއަށް އޮތް ފިލްމަކީ ކޮވިޑް ވެކްސިން އަށް ބިނާކޮށް ގެނެސްދޭން ހަމަޖެހިފައިވާ "ދަ ވެކްސިން ވޯ" އެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކުގެ ވިޔަފާރި ވެސް ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އިންޑިއާގައި ހިންދީ ބަސް ނޫން ބަސްބަހުން ހަދާ ފިލްމުތަކަށް އޮހެމުން އަންނަ ތައުރީފު ބޮޑެވެ. ސަބަބަކީ އެ ފިލްމުތަކުގެ ކޮންޓެންޓް ރަނގަޅުވެ، މުޅި ދުނިޔޭގައި ވެސް ދެކުނު ފިލްމުތަކުގެ މަގުބޫލުކަން މިހާރު ބޮޑުވަމުން ދިއުމެވެ.

އެފަދަ މިސާލުތަކުގެ ތެރޭގައި "އާރްއާރްއާ" އާއި "ބާހްބަލީ" އާއި "ޕުޝްޕާ" އަދި "ކޭޖީއެޕް" ފަދަ ފިލްމުތައް ހިމެނެ އެވެ.