Last Updated: May 20, 06:07
Monday, May 20, 2024
ދުނިޔެ

ނާސާ ޕްލަސް؛ ސްޓްރީމިން ހިދުމަތެއް

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ސްޓްރީމިން ހިދުމަތެއް ލޯންޗްކުރަން ތައްޔާރުވާން ފަށައިފި އެވެ.

"ނާސާ ޕްލަސް" ގެ ނަން ދީފައިވާ މި ސްޓްރީމިން ހިދުމަތް ރަސްމީކޮށް ލޯންޗްކުރަން ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ހޫނު މޫސުމުގަ އެވެ.

މި ހިދުމަތް އެންޑްރޮއިޑާއި އައިއޯސްގެ ޑިވައިސްތަކުން ފޯނާއި ޑެސްކްޓޮޕް ޑިވައިސްތަކުން މުޅިން ހިލޭ ބަލައިލެވޭނެ އެވެ. ނާސާ އިން ބުނި ގޮތުގައި "ނާސާ ޕްލަސް" އިން ގެނެސްދޭނެ ކޮންޓެންޓްތަކުގެ ތެރޭގައި އެތަނުގެ ޖައްވީ މިޝަންތަކާއި އެފަދަ މަސައްކަތްތަކަށް ހިންގޭ ތަފާތު ޕްރޮގްރާމްތަކާއި ލައިވް އިވެންޓްތަކާއި މުޅިން އާ އެކި ކަހަލަ ޕްރޮގްރާމްތާއި ކުރީގެ ބައެއް މިޝަންތަކާ ގުޅޭ ކޮންޓެންޓްތައް ވެސް ހިމެނޭނެ އެވެ.

ސްޓްރީމިން ހިދުމަތެއް ތައާރަފުކުރާ އިރު، އެތަނުގެ އެކި އިވެންޓްތައް މިހާރު ވެސް ނާސާގެ ވެބްސައިޓުން ލައިވް ސްޓްރީމްކުރެ އެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ނާސާގެ އޮފީސް އޮފް ކޮމިއުނިކޭޝަންސްގެ ފަރާތުން މާކް އެޓްކިންޑް ވިދާޅުވީ ނާސާ ޕްލަސްގެ މައިގަނޑު ބޭނުމަކީ ނާސާގެ ތަފާތު ޕްރޮގްރާމްތައް، ޖައްވީ ކަންކަމަށް ޝައުގުވެރިކަން ހުންނަ މީހުންގެ އިނގިލިކުރިތަކާ ހަމައަށް ގެނެސްދިނުން ކަމަށެވެ.

"މިއާ އެކީ ނާސާއާ ވަރަށް ގުޅޭ ގިނަ ކަންކަން ވަރަށް ފަސޭހަކޮށް، އަވަހަށް އެނގޭނެ ފުރުސަތު ފަހިވެގެން ދާނެ." އޭނަ ވިދާޅުވި އެވެ.