ޒުވާނުން ޤައުމީ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅުންކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ތަރައްޤީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ހިދުމަތްތެރިންގެ ޤުރުބާނީއާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުން ކަމަށެވެ.
އެބޭފުޅުންނަކީ، ޤައުމީ ތަރައްޤީގެ ހަޔާތުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންކަމަށާއި އެ ބޭފުޅުންގެ ހިދުމަތުން މިއަދުގެ ޒުވާން މުވައްޒަފުން، ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ދައުލަތަށް ޚިދުމަތް ކުރުމަކީ އުފަލަކަށް ހެދުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.
މިއަދު ވަޒީފާތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެ ޒުވާނުން ހަވާލުވެ އެ ތިއްބަވަނީ ޤައުމީ ތަރައްޤީގެ މުހިންމު ޒިންމާތަކަކާއި މަތިވެރި ޤައުމީ ވާޖިބުތަކެއް އަދާކުރުމަށްކަމަށެވެ. ރައީސް ސޯލިހް ވަނީ ދައުލަތުގެ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން، އަދި ވަކިން ހާއްސަކޮށް ދިވެހި ޒުވާނުން ޤައުމީ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު 148 ބޭފުޅަކަށް އަރުވާފައިވެއެވެ.