ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކަށް ބަލާ އިރު، ޗައިނާ މާކެޓް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެެ.
އެ މިނިސްޓްރީން އާންމުކިުރި ޓޫޒަމް ދާއިރާގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާ އިރު، ޗައިނާ މިހާރު އޮތީ އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓެ ހަތަރު ވަނައިގަ އެވެ. އެގޮތު މި މަހުގެ 27 އާ ހަމައަށް ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ 87،662 އެވެ.
ކޮވިޑާ ވިދިގެން އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން އަހަރެއްހާ ދުވަސް ފަހުން ޗައިނާގެ ޓޫރިސްޓުން އަލުން ރާއްޖެ އަންނަން ފެށީ މި އަހަރުގެ ފެބްރުއަރީ 18 އިން ފެށިގެންނެވެ. އޭގެ ފަހުން އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރުވެ ގަދަ 10 ގެ ރޭންކްގައި ދިޔައީ މައްޗަށް އަރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު ލަފާކުރަނީ އަންނަ މަހުގެ ތެރޭގައި ޗައިނާ ތިން ވަނަ މާކެޓްގައި ހަމަޖެހިލާނެ ކަމަށެވެ. އަނެއްކޮޅުން އެ ގައުމުގެ އިތުރު އެއާލައިނަކުން އަންނަ މަހު ރާއްޖެ އަށް ދަތުރުތަކެއް ފަށަން ވެސް ހަމަޖެހިފައި އެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ އަނެއްކާ ވެސް ރަޝިއާ އެވެ. މި ދޭތެރެ އިން އެ ގައުމު ދޭކަށް ވައްޓާލައި އިންޑިއާ އަށް އެރި ނަމަވެސް ރަޝިއާ އަލުން އޮތީ އެެއް ވަނައިގަ އެވެ. އެގޮތުން މި މަހުގެ 27 އާ ހަމައަށް އެ ގައުމުން ޖުމްލަ 123،731 ޓޫރިސްޓުން އައިސްފައިވެ އެވެ. އިންޑިއާ އިން 121،046 ޓޫރިސްޓިން އައިސްފައިވާ އިރު، އިނގިރޭސިވިލާތުން 88،204 ޓޫރިސްޓުން އައިސްފައިވެ އެވެ.

ލިސްޓްގައި ދެން ހިމެނޭ ގައުމުތަކަށް ބަލާ އިރު ފަސް ވަނައިގައި ޖަރުމަން (71،642 ޓޫރިސްޓުން)، ހަ ވަނައިގައި އިޓަލީ (67،980 ޓޫރިސްޓުން)، ހަތް ވަނައިގައި އެމެރިކާ (43،513 ޓޫރިސްޓުން)، އަށް ވަނައިގައި ފްރާންސް (32،925 ޓޫރިސްޓުން)، ނުވަ ވަނައިގައި ސްވިޓްޒަލޭންޑް (21،904 ޓޫރިސްޓުން) އަދި 10 ވަނައިގައި އޮސްޓްރޭލިއާ (19،083 ޓޫރިސްޓުން) އެވެ.
އަހަރު ފެށުނު ފަހުން މި މަހުގެ 27 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 1،050،661 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖެއިން މި އަހަރު އަމާޒު ހިފާފައި އޮތީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.