މިނިވަން ދުވަހުގެ ހަރަކާތްތައް މިފަހަރު ކުލަ ގަދަކޮށް އައްޑޫގައި ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިފަހަރުގެ ހަރަކާތްތައް ފަށާފައިވަނީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއިއެކު 26 ވަނަ ދުވަހު ހެނދުނު ހިތަދޫ ސިޓީ ސްކޮޔަރގައި ދިދަ ނެގުމުގެ ރަސްމީއްޔާތަކުންނެވެ. އޭގެ ފަހުން ޖަލްސާ ބާއްވާ ރޭގަނޑު ހަވާ އަރުވައި ސްކޫލު ކުދިންގެ ހަރަކާތްތައް ވެސް ވަނީ ބާއްވާފައެވެ.
ނަމަވެސް އެހެން އަހަރުތަކާއި ހިލާފަށް ޖަލްއަކުން ނިންމާލުމުގެ ބަދަލުގައި ފުޅަނދު ބުރެއް ވެސް ބާއްވަން ސިޓީ ކައުންސިލުން ނިންމިއެވެ. މި ފުޅަނދު ބުރު ރޭ 8:30 ގައި ފަށާނެ ކަމަށް ކައުންސިލުން އިއުލާން ކުރިއެވެ. ބުރު ފެށުމަށް ފަހު ދަތުރު ކުރުމަށް އޮތީ، ހިތަދޫ ސިޓީ ސްކޮޔަރ ސަރަހައްދުން ކުރިއަށްގޮސް ކައުންސިލް އިދާރާ މަގު ބޮޑުމަގަށް އަރައިގެން ދަތުރު ކުރުމަށް އޮތީ ރޭވިފައެވެ. އެގޮތުން ނިންމާލަން ރާވާފައި އޮތީ ނޭޗަރ ޕާކަށެވެ.
ފެށުން ލަސްވެ ކުޑަކުދިންނާއިއެކު މަގުމަތީ ގިނަ އިރުތަކެއް!
ނަމަވެސް އަލަށް ބޭވި ފުޅަނދު ބުރު ފެށުނު ގަޑި ލަސްވެގެން އެތަށް ބަޔަކު ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ރޭގަނޑު 8:30 އިން ފަށާގޮތަށް ދިގު ރާސްތާއެއްގައި ދަތުރުކުރަން އޮތްއިރު، ގިނަ މީހުން 8:30 އިން ފެށިގެން ތިބީ މަގުމަތީގައެވެ. ފުޅަނދުގެ އިންތިޒާރުގައެވެ. އައްޑޫގައި އަލަށް މިހާ ބޮޑުކޮށް ކުރެވޭ ކަމެއްގައި، އެންމެވެސް ބަލަން ތިބީ ކެތް މަދުވެފައެވެ. ކުޑަކުދިން ގޮވައިގެން މަގުތަކަށް ނިކުމެ ތިބި އިރު ގަޑިއަށް ނުފެށި ލަސްވަމުން ދިޔައެވެ. ކުޑަކުދިން ގޮވައިގެން ފުޅަނދު ބަލަން ބޮޑު މަގަށް ނިކުމެ ތިބީ ރަށުގެ އެކި ސަރަހައްދުގައި ދިރިއުޅުނު މީހުންނެވެ.
އެއް ބެލެނިވެރިއަކު ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލެއްގައި ބުންޏެވެ. " މިފަދަ ހަރަކާތްތައް ރޭގަނޑު ބާއްވާއިރު، ކުޑަކުދިންވެސް ބަލަން ބޭނުންވާނެ ކަން އެނގިތިބެ އިންތިޒާމުތައް މިއަށް ވުރެ ރަނގަޅު ވާން ޖެހޭ." " މި ފުޅަނދުބުރު އަހަރުމެންނަށް ފެންނާނީ މިރޭ ފަތިހުތަ " އެހެން ފަރާތަކުން ހިއްސާ ކުރިއެވެ.
ފުޅަނދުތައް ތަޢާރަފްކޮށް ބުރު ފެށުނުއިރު 10:00 ޖަހަން ހުރީ ކައިރިވެފައެވެ. ހިތަދޫގެ ބޮޑުމަގުން ދަތުރުކޮށްފައި ދިޔަ ފުޅަނދުތައް މަންޒިލާއި ހަމައަށް ގޮސް ނިންމާލެވުނުއިރު ހުރީ ދަންވަރު 1:00 ޖަހާފައެއެވެ.


މިކަމާއި ގުޅޭގޮތުން ސުވާލުކުރުމަށް އައްޑޫސިޓީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ، ލަހުން ފެށުނު ނަމަވެސް ވަރަށް ގިނަ ބަޔަކު ނިކުމެ ބަލަން ތިބި ކަމަށެވެ.
" އަލަށް މިހާ ބޮޑު ކަމެއް ކުރާއިރު ހުންނާނެ ދިމާވާނެ ދަތިތައްވެސް. އެކަމަކު ފުޅަނދުތައް ދިޔައިރު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ތަރުހީބު ލިބުނު " ކައުންސިލުން ބުނިއެވެ.
ފުރަތަމަ ފަހަރަށް ބޭއްވި ހަރަކާތަކާއި ބަލާ ރީތި ޗާލު ފުޅަނދުތަކެއް!
އަލަށް ކުރާއިރު ކިތަންމެ ދަތިތަކެއްވެސް ހުންނާނެއެވެ. އެހެން ނަމަވެސް މިފަދަ ކަންކަމަށް ސަމާލުވެ، އިންތިޒާމުތައް ރަނގަޅަށް ހުރިތޯ ބެލުމަކީ މުޢައްސަސާތަކުގެ ޒިންމާއެކެވެ. ކައުންސިލުން ބުނެފައިވަނީ ފެށުން ލަސްވެގެން ދިޔައީ ތައްޔާރު ނުވެވުމުން ނޫން ކަމަށާއި، ދިމާވި ބައެއް ޓެކްނިކަލް މައްސަލަތަކެއް ސަބަބުން ކަމަށެވެ.
ލަހުން ފެށުނު ނަމަވެސް، އައްޑޫގެ ހުނަރުވެރި ޒުވާނުން ވަނީ ރީތި ޗާލު ފުޅަނދުތަކެއް ވަނީ ދައްކާފައެވެ. ފުޅަނދުތަކުގެ ރީތި ކަމާއި އަލަށް މިފަދަ ހަރަކާތްތެއް ކުރިއަށް ގެންގޮސް ނިންމާލިކަން ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ގިނަ ހަރަކާތް ކުރިއަށްވެސް ފެންނަން އުއްމީދު ކުރާކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކުގައި މިރޭ މި ފުޅަނދުތައް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 8:30 މަރަދޫ ބޮޑުގެ ސަރަހައްދުން ފަށާ ފުޅަނދުތައް ނިންމާލާނީ ފޭދޫ ފުޓުބޯޅަ ދަނދު ސަރަހައްދަށެވެ. ބުރު ދަތުރު ކުރާނީ ބޮޑު މަގުންނެނެވެ.
މި ބުރުގައި އައްޑޫގެ އެކި އަވަށްތަކުން 9 އިދާރާއެއް ވަނީ ބައިވެރިވެފައެވެ. ކައުންސިލުން ވަނީ އެންމެ ރީތި އަދި އެންމެ މޮޅު ފުޅަނދު ހޮވުމަށް ނިންމާފައެވެ. އެގޮތުން ހޮވޭ ފުޅަނދަކަށް 20،000ރ. އިނާމެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް އަހަރު ތަކުގައި އަމިއްލަ ޖަމީއްޔާ ޖަމާޢަތަކަށްވެސް ފުރުސަތު ދޭނެ ކަމަށް ކައުންސިލުން ބުނެއެވެ.