ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް ޕްރޮޑިއުސްކޮށް، ކުޅޭ ފޯމިއުލާ 1 އަށް ބިނާކޮށް ހަދާ ފިލްމު "އެޕެކްސް" ގެ ޝޫޓިން ދެ މަސް ދުވަހަށް މެދުކަނޑާލައިފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެޕަލް ޓީވީއާ ގުޅިގެން ހަދާ ފިލްމުގެ ޝޫޓިން މެދުކަނޑާލި ހަންގޭރީގެ ބުޑަޕެސްޓްގައި ވަރަށް ބާރަށް ފިލްމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކަމަށެވެ.
އެގޮތުން "އެޕެކްސް" ގެ މަސައްކަތް މި ވަގުތަށް މެދުކަނޑާލަން ނިންމީ މިދިޔަ މަހުން ހޮލީވުޑްގައި ކުރިއަށްދާ ސްކްރީން އެކްޓާސް ގިލްޑް (އެސްއޭޖީ) އާއި އެމެރިކަން ފެޑެރޭޝަން އޮފް ރޭޑިއޯ އާޓިސްޓް (އޭއެފްއާރްޓީއޭ) އިން ކުރިއަށް ގެންދާ އިޖުިތިޖާޖަށް ޕިޓްގެ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުންނެވެ.
މި އިހުތިޖާޖަކީ އުޖާރައިގެ ފަރަގާއި ހަމަހަމަ ފުރުސަތުތައް ލިބުމުގައި ހުރި މައްސަލަތަކާ ދެކޮޅަށް ކުރިއަށް ގެންދާ އިހުތިޖާޖެކެވެ.
މީޑިއާތަކުން ބުނީ "އެޕެކްސް" ގެ ޝޫޓިން ދެން ފަށާނީ ނޮވެމްބަރުގައި ކަމަށެވެ. އަދި ފިލްމުގެ ބާކީ ހުރި މަންޒަރުތައް މައިގަނޑު ގޮތެއްގައި ނަގާނީ އެމެރިކާގެ ލަސް ވެގަސްގަ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި ޓޮމް ކްރޫޒްގެ ކާމިޔާބު ފިލްމު "ޓޮޕް ގަން: މެވެރިކް" ގެ ޑައިރެކްޓަރު ޖޯސެފް ކޮސިންސްކީ ޑައިރެކްޓްކުރާ "އެޕެކްސް" ގެ ކާސްޓްގައި ޑެމްސެން އިޑްރިސް، ކެރީ ކޮންޑޮން، ޓޮބިއަސް މެންޒީސް، ލެވިސް ހެމިލްޓަން އަދި ޒޭބިއާ ބްރޭންޑަމް ހިމެނެ އެވެ.