Last Updated: May 19, 00:16
Saturday, May 18, 2024
ރިޕޯޓް ރިޔާސީ އިންތިހާބް

އެއް ކެންޑިޑޭޓްގެ ހުވަފެން "ބިލާހަކަށް"!

މިއަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށްއައި އިރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ދަމަހައްޓަވާފައެވެ. އެހެންނަމަވެސް މިއަހަރުގެ އިންތިހާބަށް އޭގެތެރެއިން ރައީސް ސޯލިހާ ކޯލިޝަން ހެއްދެވީ އިމްރާން އަބްދުالله ގެ އަދާލަތު ޕާޓީން އެކަންޏެވެ. އަދާލަތުގެ އިތުރުން ސަން ސިޔާމްގެ އެމްޑީއޭއިންވެސް ރައީސް ސޯލިހާ ކޯލިޝަން ހެއްދެވިއިރު, ސިޔާސީ މައިދާނުގައި އެކްޓިވް އެހެން ސިޔާސީ ޕާޓީތަކުން ނިންމީ މި ވެރިކަން ބަދަލުކުރުމަށް އިންތިހާބުގައި ވާދަކުރެއްވުމަށެވެ.

މި އިންތިހާބާ ހަމައަށް އައިރު, އެކި ޕާޓީތަކުން މިވެރިކަމުގެ މައްސަލަތަކުގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ އެކި ކަންކަމެވެ. ސަބަބު ތަފާތު ނަމަވެސް, ޕީޕީއެމް, ޖޭޕީ, އެމްއާރްއެމް, ޑިމޮކްރެޓްސް އަދި އެމްއެންޕީންވެސް ބުނަމުން އަންނަނީ މިވެރިކަން ބަދަލުކުރަންޖެހޭ ކަމަށެވެ. ވަގުތުލިބިވެސް މިވެރިންނަށް އެއްބަސް ނުވެވުނީ އިންތިހާބާ މެދު ހަދާނެގޮތަކާމެދުއެވެ. އިންތިހާބުގައި ވާދަކުރާނީ އެކުގައިތޯ, ކޯލިޝަން ހަދައިގެންތޯ މިއިން ކަމެއްވެސް މިވެރިންނަށް ނުނިންމުނުވެ. ނަތީޖާއަކީ އިންތިހާބަށް މަސް ދުވަހަށް ކުޑަތަންވާން ދާއިރުވެސް ރިޔާސީ އިންތިހާބެއް ބޯމަތިވެފައިވާހެން ސިޔާސީ މައިދާނުން ހީނުވާތީއެވެ.

"އިދިކޮޅު" ސިޔާސީ ވެރިން ސިއްރު ބައްދަލުވުންތަކެއް ބާއްވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރައީސް ނަޝީދު, ޤާސިމާ އެކު އަދި ޕީޕީއެމާއެކު މަޝްވަރާ ކުރެއްވިއެވެ. ޤާސިމްވެސް ޕީޕީއެމާއި އެމްއާރްއެމްއާއެކުވެސް މަޝްވަރާ ކުރެއްވިއެވެ. ފަރުދާގެ ފުރަގަހުގައި ސިއްރުން ކުރިއަށްގެންދާ މި މަޝްވަރާތަކުން އާޚިރުގައި އިވެނީ, ކޮޅެއްގައި ނުޖެހި ފަނުފުލުންދާ ވާހަކައެވެ.

މިހެން ދަނިކޮށް މިދޭތެރެއިންވަނީ ރިޔާސީ އިންތިހާބަށް "އެއް ކެންޑިޑޭޓް"އެއް ނެރުމާ ގުޅޭގޮތުން ޖުލައި 19 ވަނަ ދުވަހު ކުނޫޒްގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް, ކުރީގެ ރައިސް މުހައްމަދު ނަޝީދު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ މެދުގައި ކުރިއަށްދިޔަ މި މަޝްވަރާތަކަށްފަހު ނުކުމެވަޑައިގެން މީޑިއާގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް "ކޮމަން ކެންޑިޑޭޓް"އެއް ނެރުމަށް އެއްބަސްވެވުނު ކަމަށެވެ. އަދި އެއީ ވާހަކަ ދައްކަން ރަނގަޅު ކަމެއް ކަމަށާއި, އެކަމުގެ މަޝްވަރާތައް އެހެން ޕާޓީތަކާއެކު ކުރިއަށް ގެންދަވާނެކަމަށެވެ.

އެހެންނަމަވެސް މިހާރު މައުލޫމާތު ލިބޭގޮތުގައި, އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ވަނީ ވަޅުޖެހިފައެވެ. ބައެއް ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި ޖުލައި 19 ގެ ބައްދަލުވުމުގައިވެސް ބައެއް ލީޑަރުން "އެއް ކެންޑިޑޭޓް"ގެ ފޯމިއުލާއަށް އެއްބަސްވެފައެއްނުވެއެވެ. ހަމައެކަނި އެއްބަސްވީ އެކަމަށް މަޝްވަރާކުރުމަށެވެ. އެއް ކެންޑިޑޭޓްގެ ހުވަފެން ބިލާހަކަށް ވެފައިވާކަމުގެ އެއް ހެއްކެއްގެ ގޮތުން ބައެއް ފަރާތްތަކުން ފާހަގަކުރަނީ, އިންތިހާބަށް ޖޭޕީއިން އެމްއާރްއެމްއާއެކު މަސައްކަތް ކުރުމަށް ފަށާފައިވާ މަޝްވަރާތަކެވެ. ބައެއް ބޭފުޅުން ހިސާބުޖައްސަވަނީ ޤާސިމް އަދި ފާރިސް ގުޅިގެން އިންތިހާބުގައި ވާދަކުރެއްވުމަށެވެ.

2018 ގައި "އެއް ކެންޑިޑޭޓް"ގެ ފޯމިއުލާ ކާމިޔާބުކުރިނަމަވެސް, މިއިންތިހާބުގައި އެފަދަ ފޯމިއުލާއެއް މަސައްކަތް ކޮށްފާނެކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ބޮޑަށް ބެލެވެނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގިނަ ޕާޓީ އެކުލެވޭ ކޯލިޝަނަކަށްވުރެއް ވަކިވަކިން ޕާޓީތައް ވާދަކޮށް އިންތިހާބުގެ ފުރަތަމަ ބުރު ނިންމާލުމަށްފަހު ދެވަނަ ބުރަކާ ހަމައަށް ދިއުމެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވެދާނެ ގޮތެއް ލަފާކުރަން އަދި މާއަވަހެވެ.