އިޓަލީގެ އެޓަލަންޓާ އަށް ކުޅެމުން އައި ޑެންމާކްގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.
ހޮއިލުންޑް ،20، ޔުނައިޓެޑަށް ބަދަލުވީ 64 މިލިއަން ޕައުންޑްގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެޓަލަންޓާ އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު 20 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވި ހޮއިލުންޑް މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު ޑެންމާކުގެ ގައުމީ ޓީމުން ޖާގަ ލިބުމުގެ އިތުރުން ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ކަޅި އޭނާއަށް ވަނީ އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ އިތުރުން ހޮއިލުންޑް ހޯދަން ފްރާންސްގެ ޕީއެސްޖީން ވެސް މަސައްކަތްކޮށްފައިވެ އެވެ.
ހޮއިލުންޑް ވަނީ މިދިޔަ ސީޒަނުގައި އެޓަލަންޓާ އަށް ކުޅެދިން 34 މެޗުގައި 10 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ޑެންމާކުގެ ގައުމީ ޓީމަށް ކުޅެދިން ހަ މެޗުގައި އޭނާ ވަނީ ހަ ގޯލު ކާމިޔާބުކޮށްފަ އެވެ.
ހޮއިލުންޑަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑަށް ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. ޔުނައިޓެޑުން މީގެކުރިން ވަނީ ޗެލްސީ އަށް ކުޅެމުން އައި އިންގްލެންޑްގެ މިޑްފީލްޑަރު މޭސަން މައުންޓް އަދި އިންޓަ މިލާނަށް ކުޅެމުން އައި ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ގެނެސްފަ އެވެ.