Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އެއްވެސް ޕާޓީއަކަށް އެއްބުރުން އިންތިހާބު ކާމިޔާބެއް ނުވާނެ

މި އަހަރުގެ ރިޔާސީ އިންތިހާބު އެއްވެސް ޕާޓީއަކަށް އެއްބުރުން ކާމިޔާބު ނުކުރޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި އާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބާ އެކީ ކެމްޕޭނަށް އިއްޔެ ހަވީރު އައްޑު އަށް ވަޑައިގެން ރޭ ފޭދޫގައި ޕާޓީގެ މެމްބަރުންނާ އެކީ ބޭއްވި އެއްވުމެއްގައި ނަޝީދު ވިދާޅުވީ މި ފަހަރުގެ އިންތިހާބު އެއްބުރުން އެއްވެސް ޕާޓީއަކަށް ކާމިޔާބުވުމަކީ ނާދިރު ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި މި އިންތިހާބު މިފަހަރު އެއްވެސް ޕާޓީއަކަށް އެއްބުރުން ކާމިޔާބެއް ނުކުރެވޭނެ. ހުރިހާ ޕާޓީތައް ވެސް މަސައްކަތް ކުރާނެ،" ނަޝީދު ވިދާޅުވި އެވެ. "އެހެން ނަމަވެސް، އަޅުގަނޑަށް ފެންނަ ތަނުގައި ދެވަނަ ބުރަކަށް މި އިންތިހާބު ފުރޮޅިގެން ދާނެ."

އެ މަނިކުފާނު ވިދާޅުވީ ދެވަނަ ބުރަކަށް ދާން ޖެހޭ އިރު، އޭގެ ތެރޭގައި އިލްޔާސް ވެސް ހިމެނިވަށައިގަންނަވާނެ ކަމަށެވެ. އަދި އޭނަ އަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ވިދާޅުވި އެވެ.

"ދެވަނަ ބުރުގައި، އިލްޔާސް ލަބީބް ހިމެނޭނެކަމީ، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްވާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރޫޅިފައިވާ އެމްޑީޕީ އަށް ރިޔާސީ އިންތިހާބުގައި ލިބެން އޮތް ވޯޓުގެ އަދަދު މިހާރު ވެސް މަދުވަމުންދާ ކަމަށާއި އެ ޕާޓީ އަކީ މިހާރު މާ ބުރަދަނެއް ހުރި ޕާޓީއެއް ނޫން ކަމަށެވެ. އަދިު ކުރިން އެމްޑީޕީގައި އޮތް ޑިމޮކްރަސީގެ ރޫހު މިހާރު ފެންނަނީ ޑިމޮކްރެޓްސްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަކި އަދަދެއް ދަންނަވަން މިހާރު އުނދަގޫ ވެއްޖެ، ކުރީގައި ހީކުރީ ލަދު ނުގަންނަ އަދަދެއްގެ ވޯޓު އެބޭފުޅުން [އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު] ވެސް ހޯއްދަވާނެ ކަމަށް. އެހެން ނަމަވެސް މިހާރު، އެތަނެއް ނުފެނޭ." ނަޝީދު ވިދާޅުވި އެވެ.

"ރައީސް ސޯލިހު މިދިޔަ ފަސް އަހަރު އަމަލު ކުރެއްވި ގޮތްތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މިއޮތީ ބައިބައިވެ، ނިކަމެތިވެފައި، ހީނަރުވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ. "އެ ޕާޓީގެ ޖޯޝާއި ރޫހު އަޅުގަނޑަށް މިހާރު ފެންނަނީ ޑިމޮކްރެޓްސް ޕާޓީގެ ތެރެއިން. އެ ރޫހަކީ ތިޔަބޭފުޅުން." ނަޝީދު ވިދާޅުވި އެވެ.