Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ޕާތުގެ ފުރަތަމަ ފިލްމުގެ ޝޫޓިން ނިންމާލައިފި

ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ސީޒަން ދޭއް ފަދަ ސިލްސިލާތައް ކުޅުނު އިންޑިއާގެ ޓީވީ އެކްޓަރު ޕާރު ސަމްތާންގެ ފުރަތަމަ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމަކީ އެކްޓަރު ސަންޖޭ ދަތު ޕްރޮޑިއުސްކޮށް، އޭނަ ވެސް މުހިއްމު ރޯލެއް ކުޅޭ "ގުޅުޗާޅީ" އެވެ. ކާސްޓްގައި ރަވީނާ ޓަންޑަން ވެސް ހިމެނޭ ފިލްމުގެ ޝޫޓިން ނިންމާލި ވާހަކަ އިންސްޓަގްރާމް ޕޯސްޓެއްގައި ޕާތު ހިއްސާކޮށް، މުޅި ޓީމަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒްއާ ގުޅިގެން ހަދާ "ގުޅުޗާޅީ" އަކީ ބިނޯއި ގާންދީ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ރޯލަކުން ބުޝަންގެ ކޮއްކޮ ކުޝާލީ ކުމާރު ވެސް ފެންނާނެ އެވެ.

ޕާތު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ގުމްރާހު: އެންޑް އޮފް އިނޮސެންސް"، "ޔޭ ހޭ އާޝިގީ" އަދި "ކެއިސީ ހޭ ޔާރިޔާން" ހިމެނެ އެވެ.