އަމިއްލަ ވެރިކަމެއްގައި މިފްކޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކުރައްވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގެ ތެރެއިން މިއަދު މަރަދޫގައި ބޭއްވި ބައްދަވުމެއްގައި އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ ކުންފުނިތައް ހިންގުމަކީ އޭނަގެ ސަރުކާރެއްގައި ކުރާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ހުރި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ އެއްކޮށް، ދޫކޮށްލައި، އެ ކުންފުނިތަކަކީ ސީދާ ރައްޔިތުންނަށް މަންފާ ލިބޭ ކުންފުނިތަކަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ކުންފުނިތައް ހިންގައި ވިޔަފާރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ނޫނެވެ.
"މިފްކޯ އާއި ފެލިވަރު ފަދަ ތަންތަނަކީ ސަރުކާރުން ހިންގަން ޖެހޭ ތަންތަނެއް ނޫން. އަޅުގަނޑުމެން އެތަންތަން ދޫކޮށްލާނަން، އެތަންތަން ސަރުކާރުން ބޭރުކޮށްލާނަން. ބޭރުކޮށްފައި އަމިއްލަ ފަރާތްތަކަށް އަދި ރައްޔިތުން ހިއްސާވާ ގޮތަށް އެ ކުންފުނިތައް ދޫކޮށްލާނަން." އޭނަ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ދާއިރާ އިން ސަބްސިޑައިޒްކުރަން ޖެހިއްޖެ ހާލަތެއްގައިި ސަބްސިޑައިޒްކުރާނީ ސީދާ މަސްވެރިޔާ ކަމަށެވެ.
"މަހަކީ ގުދުރަތީ ވަސީލަތެއްގެ ގޮތުގައި ލިބޭ ރޯ މެޓީރިއަލްއެއް. އެއްވެސް ގައުމެއްގައު އެ ގައުމެއްގައި ލިބޭ ރޯ މެޓީރިއަލް އޜގެ ގޮތުގައި ބޭރު ކުރަންޏާމު އޭގެ ހަމައަގެއް ނުލިބޭނެ. އެންމެ މުހިއްމު ކަމަކީ އެ ޕްރޮސެސްކުރެވޭނެ ގޮތްރައް މިތާނގައި ހޯދުން." އޭނަ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އޭނަގެ ވެރިކަމެއްގައި މަހުގެ އަގު 25ރ. އަށް ވުރެ ކުޑަ ނުވާނެ ގޮތަކަށް އަގުތައް ދަމަހައްޓާނެ އެވެ.