Last Updated: May 19, 21:03
Sunday, May 19, 2024
ދުނިޔެ

އިންޑިއާ އާއި ބޫޓާންގައި މިނިކާވަގުގެ އާބާދީ އިތުރުވަނީ

އިންޑިއާ އާއި ބޫޓާންގައި މިހާރު މިނިކާވަގުގެ އާބާދީ އިތިރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

މީގެ އާބާދީ ފަހަކަށް އައިސް ދަށްވުމުގެ ކަންބޮޑުވުންތައް ދެ ގައުމުން ވެސް ކުރިން ފާޅުކޮށްފައިވެ އެވެ.

އިއްޔެ ފާހަގަކުރި އިންޓަނޭޝަނަލް ޓައިގާ ޑޭއާ ދިމާކޮށް ދެ ގައުމުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، ދުނިޔޭގެ މިނިކާވަގުގެ އާބާދީގެ 75 ޕަސެންޓް އުޅެނީ އިންޑިއާގަ އެވެ. އެގޮތުން އެ ގައުމުގެ މިނިކާވަގުގެ އާބާދީ 3،682 އަށް އަރާ ކަމަށް އިންޑިއާގެ ފޮރެސްޓް، އެންވަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓްރީން ބުންޏެވެ.

އެތަނުން ބުނި ގޮތުގައި އިންޑިއާގައި މިނިކާވަގުގެ އާބާދީ އަހަރަކު ހަ ޕަސެންޓަށް އިތުރުވެ އެވެ. ނަމަވެސް 1970 ގެ އަހަރުތަކުގައި މިނިކާވަގުގެ އާބާދީ 2،000 އަށް ވެސް ވި އެވެ. އިންޑިއާގައި މިނިކާވަގުގެ އާބާދީ ދަށްވާން ދިމާވުމުގެ ސަބަބުތަކުގައު ތެރޭގައި އެ އެއްޗެހީގެ މާހައުލަތު ނެތިއުމާއި އެކި ބޭނުންތަކުގައި ޝިކާރަކުރުން ހިމެނެ އެވެ.

ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2019-2021 އާ ދޭތެރޭ އިންޑިއާގައި 100 އަށް ވުރެ ގިނަ މިނިކާވަގު މަރާފައިވެ އެވެ.

ބޫޓާނަށް ބަލާ އިރު، އެ ގައުމުގައި އުޅޭ މިނިކާވަގުގެ އާބާދީ އަކީ މިހާރު 131 އެވެ. އެއީ 2015 އާ އަޅާބަލާ އިރު 27 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އިންޑިއާ ގޮތަށް ބޫޓާންގައި ވެސް މިނިކާވަގަށް ހަމަލާދީ މެރުމުގެ މައްސަލަތައް ބޮޑެވެ.

އިންޑިއާގެ ފޮރެސްޓް، އެންވަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓްރީން ބުނި ގޮތުގައި މިނިކާވަގުގެ އާބާދީ މިހާރު އިތުރުވަމުން އަންނަނީ އެކަމަށް ހާއްސަކޮށްގެން ކުރެވޭ މަސައްކަތްތަކާއި އަޅަމުން އަންނަ ރަނގަޅު ފިޔަވަޅުތަކާ ހެދި އެވެ.