ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިދަތުރުފުޅުގެ ތެރެއިން އެ ސިޓީގައި މި ސަރުކާރުން ނިންމާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭ ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާއެއް ފުވައްމުލަކުގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ފޯރީގައި ކުރިއަށްގެންދަވާއިރު، ރާއްޖޭގެ އެކި ރަށްރަށަށް އަންނަނީ ޒިޔާރާތްކުރައްވަމުންނެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓެއްގެ ގޮތުގައި ޚިޔާރު ކުރެއްވިފަރާތެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އެމަނިކުފާނާއެކު އިންތިހާބަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއިންނެވެ.